ފައްޔާޒް އިސްމާއީލް

މާލެ އަތޮޅުގައި އެމްޑީޕީ ހިންގާލަން ޖެހޭވަރު ބޮޑު: ފައްޔާޒް

މާލެ އަތޮޅުގައި އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ޖެހިފައިވާކަން ރަށްތަކަށް ކުރެއްވި ދަތުރުތަކުން ހާމަވެފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް (ފައްޔަ) ވިދާޅުވެއްޖެ އެވެ.

ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ފައްޔާޒް ގެންދަވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރު ކުރައްވަމުންނެވެ.

ކ އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅަށް ފަހު ފައްޔާޒް ވިދާޅުވީ މާލެ އަތޮޅުގައި އެމްޑީޕީގެ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ. އަދި މި އަތޮޅުގައި އެމްޑީޕީގެ މެންބަރުންގެ އަދަދު އިތުރު ކުރަން ޖެހިފައިވާކަން ރަށްތަކަށް ކުރެއްވި ދަތުރުތަކުން ހާމަވެފައިވާ ކަމަށެވެ. ކ އަތޮޅުގެ އެމްޑީޕީގެ މެންބަރުން އެ ވާހަކަ ވަރަށް ސާފުކޮށް ބުނެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"މި އަތޮޅަކީ އިގްތިސާދީ ގޮތުން ވަރުގަދަ އަތޮޅެއް. މާލެ އަތޮޅު މާ ބޮޑަށްވެސް އަޅުގަނޑުމެން ހިންގާލަން ޖެހޭ،" ފައްޔާޒް ވިދާޅުވިއެވެ.

ޗެެއާޕާސަން ހޮވުމުގެ އިންތިހާބުގައި ފައްޔާޒު ކެމްޕެއިން ކުރައްވާ އެމްޑީޕީ "ހިންގާލަން" މި ޝިއާރުގެ ދަށުންނެވެ. ސަރުކާރުގެ ވެރީންނާއި ކުންފުނިތަކުގެ ވެރީން އަދި ރައްޔިތުންްގެ މަޖިލީހުގެ އެމްޑީޕީގެ ގިނަ މެންބަރުންނާއި ގައުމީ މަޖިލީހުގެ ގިނަ މެންބަރުންގެ ތާއީދުވެސް އޮތީ ފައްޔާޒަށެވެ.

މި އިންތިހާބުގައި ފައްޔާޒްއާ ވާދަކުރައްވަނީ އެމްޑީޕީގެ ކުރީގެ ސްޕޯކްސްޕާސަން އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އެވެ. އިމްތިޔާޒާއެކު ބޮޑަށް ފެންނަނީ އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ބޭފުޅުންނާއި އެމަނިކުފާނަށް ވަފާތެރި މަޖިލީސް މެންބަރުންނާއި ގައުމީ މަޖިލީހުގެ މެންބަރުންނެވެ.