ޕާކިސްތާން ޕާލަމެންޓް ނައިބު ރައީސް ގާސިމް ސޫރީ އިސްތިއުފާ ދެއްވައިފި އެވެ. އޭނާ އިސްތިއުފާ ދެއްވިކަން ޓްވިޓާގައި ވަނީ އާންމު ކުރައްވާފަ އެވެ.
އިސްތިއުފާ ދެއްވީ އިދިކޮޅު ޕާޓީތައް ގުޅިގެން އޭނާގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ތާވަލްކޮށްފައި ވަނިކޮށެވެ.
ގާސިމް ސޫރީ އަކީ ޕާކިސްތާން ކުރީގެ ބޮޑުވަޒީރު އިމްރާން ހާން ވެސް ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީ ތަހުރީކޭ އިންސާފްގެ މެމްބަރެކެވެ.
އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ޕާޓީގެ ވިސްނުމަށް ތަބާވުމަށް ކަމަށެވެ. ތަހުރީކޭ އިންސާފްގެ ވިސްނުމަކީ ސަރުކާރު ވައްޓާލަން ބޭނުން އަންނަ ޕްރެޝަރަށް ބޯނުލެނބުން ކަމަށް އޭނާ ވިދާޅުވި އެވެ.
އިމްރާން ހާން ވިދާޅުވި ގޮތުގައި އިދިކޮޅު ޕާޓީތަކުން އޭނާ މަގާމުން ދުރުކުރީ އެމެރިކާ ސްޕޮންސާކޮށްގެންނެވެ. އޭނާ ވިދާޅުވި ގޮތުގައި ބޭރު ގައުމެއްގު ނުފޫޒު ޕާކިސްތާނަށް އެހާ ވަަރަށް ފޯރުމަކީ ގަބޫލު ކުރައްވާ ކަމެއް ނޫނެވެ.
ގާސިމް ސޫރީ ވިދާޅުވި ގޮތުގައި ބޭރުގެ ނުފޫޒަކަށް ގައުމު ވިއްކައި ނުލައްވާނެ އެވެ. އަދި ކިތަންމެ ޕްރެޝަރެއް ޖެހުނަސް ގައުމުގެ ދިފާއުގައި ވަކާލާތު ކުރައްވާނެ އެވެ.
އިމްރާން ހާންގެ އިތުބާރު ނެތް ކަމަށް އޭޕްރީލް ތިނެއްގައި ގާނޫންހަދާ މަޖިލީހުގައި ނަގަން މަސައްކަތްކުރި ވޯޓް ކުރިއަށް ގެންދަން ގާސިމް ސޫރީ ފުރުސަތު ދެއްވާފައެއް ނުވެ އެވެ. މިކަމާ ހެދި ޝަރުއީ ދާއިރާތަކުން އޭނާއަށް ވަރަށް ބޮޑަށް ވަނީ ފާޑުކިޔާފަ އެވެ.
އިދިކޮޅު ޕާޓީތަކުން ބުނާ ގޮތުން ގާސިމް ސޫރީ އިތުބާރު ނެތް ކަމަށް ވޯޓު ނަގަން ހުށަހެޅީ ގާނޫނާ ފުށުއަރާ ކިތަންމެ ކަމެއް ތަކުރާރު ކުރައްވާފައި ވާތީ އެވެ.
އިމްރާން ހާން މަގާމުން ދުރުކުރުމާ ގުޅިގެން ޕާކިސްތާންގައި އިމްރާނަށް ސަޕޯޓްކުރާ މީހުން ވަނީ ސިލްސިލާ އެއްވުތަކެއް ފަށާފަ އެވެ. އާބާދީ ބޮޑު ސަރަހައްދުތަކުގައި މުޒާހަރާކުރާ މީހުން ބުނާ ގޮތުން ބޭނުމަކީ ސަރުކާރު އުފާލާފައި އާންމު އިންތިހާބަކަށް ދިއުމެވެ.
އިމްރާން ހާންއަށް ފަހު އިދިިކޮޅު ޕާޓީތައް ގުޅިގެން ބޮޑުވަޒީރަކު ވަނީ އައްޔަންކޮށްފަ އެވެ. އެއީ ޕާކިސްތާންގައި ޒަމާންތަކެއް ވަންދެން ބޮޑުވަޒީރުކަން ކުރެއްވި ނަވާޒް ޝަރީފްގެ ކޮއްކޮ ޝާހްބާޒް ޝަރީފް އެވެ.