އެމްޑީޕީ ބައިބައިކޮށްގެން ބާރުވެރިކަން ހޯދަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމަށް ފުރުސަތު ނުދޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެ އެވެ.
ހައްދުއްމަތީ ގަމަށް ވަޑައިގެން އިންތި މިއަދު ވިދާޅުވީ ޕާޓީ ބައިބައިކޮށްގެން ބާރުވެރިކަން ހޯދައިގެން ލިބޭނެ 2023 އެއް ނޯންނާނެ ކަމަށެވެ. ބުއްދީގެ ގޮތުން ވިސްނާލިޔަސް އެގޮތަށް މަސައްކަތް ކޮށްގެން 2023 ނުލިބޭނެ ކަން ސާފު ކަމަށް އިންތި ވިދާޅުވި އެވެ.
"ހަމަ ޝައްކެއް ނެތް އެ މަގަށް އެ މަސައްކަތް ކުރަނީ މި ޕާޓީ ހަލާކުކޮށް. މި ޕާޓީ ފަޅާލަން މި ޕާޓީއަށް 2023 ގެއްލުވާލަން މަސައްކަތް ކުރާ މީހުން. އެއީ ޝައްކެއް އޮތް ކަމެއް ނޫން،" އިންތި ވިދާޅުވި އެވެ.
އެމްޑީޕީއަކީ ރައްޔިތުން އެންމެ އިތުބާރު ކުރާ ޕާޓީ ކަމަށާ އެންމެ ބޮޑު އުންމީދެއް ޕާޓީއާ އެކު ވާ ޕާޓި ކަމަށްވެސް ވިދާޅުވި އެވެ. ސަރުކާރުގައި އޮތް އިރުވެސް އަދި އިދިކޮޅުގައި އޮތް އިރުވެސް އެންމެންގެ އިތުބާރު އެންމެ ބޮޑު ޕާޓީއަކީ އެމްޑީޕީ ކަމަށް ވިދާޅުވި އެވެ.
ވާދަވެރި ކެންޑިޑޭޓްގެ ކެމްޕެއިނަށް އިޝާރާތް ކުރައްވާ އިންތި ވިދާޅވީ ބަޔަކު ބައިވެރިވެގެން މިހާރު ކުރަމުން މަސައްކަތަކީ އެމްޑީޕީގެ ޖޯޝު ކުޑަކޮށްލުން ކަމަށެވެ. އަދި ވަޒީރަކަށް ވޯޓު ނުދީފިނަމަ ރަށް ފަޅު ކުރާނެ ކަމަށް ބުނެ ވާހަކަ ދައްކާ ކަމަށާ ވަޒީފާގެ ބިރު ދެއްކުމާއި ވިޔަފާރިތަކުގެ ހާސްކަން ފިލުވާލަން އިންތިހާބާ ދިމާކޮށް ނުފޫޒުން މަސައްކަތް ކުރަމުން ދާ ކަމަށެވެ.
"ކާކުތޯ ހިތައް އަރާނީ އެސްއެމްއީ ލޯނަކަށް ނުވަތަ ކޯޓާއަކަށް އެދެފިއްޔާ ތިޔަބޭފުޅުން ތާއީދުކުރާ މީހަކަށް ތާއީދު. ހިތުގައި އޮތް ތާއީދު ހާމަކޮށްލުމަށް ބިރުގަންނަ ހާލަތަށް މި ވިސްނުމަށް ގެންގޮސް މި ޕާޓީ އެ މިސްރާބަށް ގެންދާނެ ކަމަށް. މިއަދުގެ ހާލަތަކީ މިއީ،"
އެފަދަ ކަންކަމަކީ އެމްޑީޕީގެ އަހުލާގު ނޫން ކަމަށް އިންތި ވިދާޅުވިއެވެ. އަދި އެއީ ޕާޓީއާއި ގައުމުގެ މަސައްލަހަތުވެސް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
އިންތި ވިދާޅުވީ ޗެއާޕާސަން ކަމަށް އޭނާއާ ވާދަކުރައްވާ ކެންޑިޑޭޓަކީ އެއްވެސް ހާއްސަ ސިފައެއް ލިބިގެންވާ ބޭފުޅެއް ނޫން ކަމަށެވެ. ޕާޓީގައި އޭނާގެ ތަޖުރިބާ އާއި ޕާޓީގައި ދެމިހުރި ހުރުންވެސް މާ ދިގުވާނެ ކަމަށް އިންތި ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކާ ގާތްވެސް ނުކުރެވޭނެ އަޅުގަނޑުމެންގެ ވާދަވެރިންނަކާ،" އިންތި ވިދާޅުވި އެވެ.