މާލެ ހުޅުޅެ ގުޅާލައި ބްރިޖް ބޭނުން ކުރާއިރު ފީއެއް ނެގުމުގެ ސިޔާސަތެއް އަދި ކަނޑައަޅާފައި ނުވާ ކަމަށާއި އެހެން ނަމަވެސް ބުރައަކަށް ނުވާނެ ފީއެއް ނެގުމަކީ އެކަށީގެންވާ ކަމެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބްރިޖް ބޭނުން ކުރާއިރު ފީ ނެގުމާ ބެހޭ ގޮތުން ވާހަކަތައް ފެތުރިފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ މިރޭ ޗެނަލް ތޭރައިގެ "ނިއުސް ޓޯކް" ގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ މާލެ ހުޅުލެ ގުޅާލައި ބްރިޖަކީ ތަފާތު ލޭންތައް ހިމެނޭ ގޮތަށް ހަދާ ބުރިޖަކަށްވުމުން ބުރިޖް ބޭނުން ކުރާއިރުގައި ފީއެއް ނަގާނެގެތޯ ނުންތޯ އެއީ އަދި ސިޔާސަތެއްގެ ގޮތުގައި އަދި ކަނޑައޅާފައިވާ ކަމެއް ނޫން ކަމަށެވެ.
"އެހެން ނަމަވެސް ވިސްނުން އޮތީ ކޮންމެވެސް ވަރެއްގެ މެއިންޓަނެންސް ފީއެއް ނެގެންވާނެއޭ. އެކަމަކު އެއީ އާންމު މީހާއަށް ރައްޔިތުންނަށް ބުރައެއްވާ ކަހަލަ ކަމަކަށް ވެގެން ނުވާނޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މައިގަނޑު ގޮތެއްގައި އިގްތިސޯދީ ބޭނުމަށް މުދާ އުފުލާ ފަރާތަކަށް އަމާޒު ކުރެވިގެންދާ ގޮތަށް ފީއެއް ނެގުމަކީ ވެސް އޮތް ވިސްނުމެއް ކަމަށާއި އެހެން ނަމަވެސް އެއީ ވެސް ފުޅާކޮށް މޝްވަރާކޮށްފައި އެކަމަށް އެންމެ ރަނަގޅު ގޮތަކީ ކޮބައިތޯ ބަލާފައި ނޫނީ އިއުލާނު ނުކުރާނެ ކަންކަން ކަމަށެވެ.
"ބްރިޖަކީ އަޅައި ނިމި ބޭނުން ކުރަން ފެށުމުން ރަނގަޅަށް ބަލަހައްޓަންޖެހޭ ތަނެއް. ދިގު މުއްތަކަށް އޮންނަ ގޮތަށް މެއިންޓެއިން ކުރުމަކީ ބޮޑު ކަމެއް ކަމެއް އެގޮތަށް މެއިންޓެއިން ކުރުމަށް ފީއެއް ނެގުމަކީ ރަނަގޅު ކަމެއް. އެ ތަފުސީލް މިކަމާ ގުޅޭ ހުރިހާ ފަރާތްތަކެއްގެ މަޝްވަރާއާއެކުގައި ކުރުމަށްފަހު އިއުލާން ކުރާނެ. އެހެންވީމާ ބުރައަކަށް ނުވާ ގޮތަށް ކޮންމެވެސް ފީއެއް ނެގުމަކީ އެކަށީގެންވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.