މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ބިދޭސީންގެ ޑިޕޮސިޓް ފައިސާ ގެންދަން ފަހު ފުރުސަތު ދީފި

Apr 17, 2022

އެކްސްޕެޓް އޮންލައިން ސިސްޓަމް ބޭނުންކުރުމުގެ ކުރިން ބިދޭސީންގެ ޑިޕޮސިޓް ފައިސާ ދެއްކި ފަރާތްތަކުން އެ ފައިސާ ނެގުމަށް ފަހު ފުރުސަތު ދީފި އެވެ.

ބިދޭސީންނާ ގުޅޭ ކަންކަން އިކޮނޮމިކް މިނިސްޓްރީން މިހާރު ބަލަހައްޓަމުން ގެންދަނީ އެކަމަށް ހާއްސަ -- އެކްސްޕެޓް އޮންލައިން ސިސްޓަމްގެ ތެރެއިންނެވެ.

މި ސިސްޓަމް ބޭނުންކުރަން ފެށުމުގެ ކުރިން ބިދޭސީން ރާއްޖެ ގެނައުމަށްޓަކައި ދައްކަންޖެހޭ ޑިޕޮސިޓް ފައިސާ އެކި ފަރާތްތަކުން ދައްކާފައި ހުރީ އެކި އިދާރާތަކަށެވެ. އެހެންވެ އެގޮތަށް ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި އެކްސްޕެޓް އޮންލައިން ސިސްޓަމަށް އަމަލުކުރުމުގެ ކުރިން ދައްކާފައިވާ ޑިޕޮސިޓް ފައިސާ އަނބުރާ ނެގުމަށް އިކޮނޮމިކް މިނިސްޓްރީން ހުޅުވާލީ ޖުލައި 21، 2019 ގައެވެ.

މިނިސްޓްރީން ދިން ފުރުސަތުގެ ތެރޭގައި މިހާތަނަށް 549.2 މިލިއަން ރުފިޔާ އަނބުރާ ގެންގޮސްފައިވެ އެވެ.

ފައިސާ ނުގެންގޮސް ހުރި ފަރާތްތަކުން ކަމާ ގުޅޭ މައުލޫމާތު ހިއްސާކޮށް ފައިސާ އަނބުރާ ގެންދިއުމަށް މިނިސްޓްރީން މިހާރު ފުރުސަތު ދީފައިވަނީ މިއަހަރުގެ ޖޫން 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޑިޕޮސިޓް ފައިސާ އަނބުރާ ގެންދިއުމަށް ބޭނުންވާ ފަރާތްތަކުން ގެންދަން ބޭނުންވާ ފައިސާގެ ޖުމްލަ އަދަދު އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލަށް ޝަކުވާގެ ގޮތުގައި ހުށަހެޅުމުން މައުލޫމާތުގެ ސައްހަކަން ދެނެގަތުމަށްފަހު މިނިސްޓްރީން ދަނީ ފައިސާ ދޫކުރަމުންނެވެ.

މިނިސްޓްރީން ބުނީ މިހާރު ދީފައިވާ މުއްދަތުގައި ފައިސާ ނުގެންގޮސްފިނަމަ އެ ފައިސާ ދޫކުރުމުގައި ދެން ގޮތް ނިންމާނީ އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުން ހިއްސާ ކުރާ މައުލޫމާތަށް ބެލުމަށްފަހު ކަމަށެވެ.