މެޑިކަލްއާ ނުލައި ވާކް ޕާމިޓް ދޫކުރުން ނިމުމަކަށް ގެނެސްފި އެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ބުނީ ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭ ގައި ވަޒީފާ އަދާކުރުމަށް ގެނެވޭ ބިދޭސީން ރާއްޖެ އައުމަށް ފަހު ވާކް ޕަމިޓް ހެއްދުމަށްޓަކައި ހަދަންޖެހޭ "ވާކް ޕާމިޓް މެޑިކަލް" ހެއްދުމުގައި ވަޒީފާ ދޭ ފަރާތްތަކަށް ދިމާވި ދަތިތަކުގެ ސަބަބުން ވާކް ޕަމިޓް ހެއްދުމަށް ބޭނުންވާ މެޑިކަލް އާ ނުލައި ވަކް ޕަރމިޓް ދޫކުރަމުން ގެންދިޔަ ނަމަވެސް ޖުލައި 15 ވަނަ ދުވަހުން ފެށިގެން ވާކް ޕާމިޓް އެންޓްރީ ޕާސްގެ ދަށުން ރާއްޖެ އެތެރެވެފައިވާ ފަރާތްތަކަށް ވާކް ޕާމިޓް ދޫކުރެވޭނީ އަދި ވާކްޕާމީޓް ދޫކުރެވިފައިވާ ފަރާތްތަކަށް އެ ޕާމިޓްގެ މުއްދަތު އިތުރު ކުރުމަށް ފީ ދެއްކޭނީ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ވާކް ޕާމިޓް މެޑިކަލް ހިދުމަތް ފޯރުކޮށްދޭ ފަރާތަކުން ހަދާފައިވާ "ވާކް ޕާމިޓް މެޑިކަލް" ރިޕޯޓް ހުށައެޅުމުން ކަމަށެވެ.
އެ ރިޕޯޓް ހުށައަޅަން ޖެހެނީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށެވެ.
މީގެ އިތުރުން ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ވާކް ޕާމިޓަށް ބޭނުންވާ މެޑިކަލް އާ ނުލައި ވާކް ޕާމިޓް ދޫކޮށްފައިވާ ފަރާތްތަކުގެ މެޑިކަލް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ސެޕްޓެމްބަރު 1 ގެ ނިޔަލަށް ހުށަހަޅަން ޖެހޭނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ވާކް ވީޒާ އާއި ބިޒްނަސް ވީޒާ ފިޔަވައި އެހެނިހެން ވީޒާއަ ށް އެދި ހުށަހަޅާއިރު އަދި ވީޒާ މުއްދަތު ހަމަވެގެން މުއްދަތު އިތުރުކުރުމަށް ހުށަހަޅާއިރު ހެލްތް އިންސުއަރެންސް ޕޮލިސީ އަދި މެޑިކަލް ރިޕޯޓް ހުށައަޅަން ޖެހޭ ގޮތަށްވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ކުރީން ވަނީ މެއި 31 ގެ ފަހުން ވާކް ވީޒާ އާއި ބިޒްނަސް ވީޒާ ފިޔަވައި އެހެނިހެން ވީޒާއަށް އެދި ހުށަހަޅާއިރު އަދި ވީޒާ މުއްދަތު ހަމަވެގެން މުއްދަތު އިތުރުކުރުމަށް ހުށަހަޅާއިރު މިނިސްޓްރީ އޮފް ހެލްތް އިން ބިދޭސީންގެ މެޑިކަލް ހެއްދުމަށް ހުއްދަދީފައިވާ ހޮސްޕިޓަލް/ކްލިނިކް އަކުން ހަދާފައިވާ މެޑިކަލް ރިޕޯޓް ހުށައަޅަން ޖެހޭ ގޮތަށް ހަމަޖައްސާފައެވެ. އަދި ރާއްޖޭގައި އިންސުއަރެންގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ތެރެއިން ކުންފުންޏެއްގެ "އެކްސްޕެޓްރިއޭޓް ހެލްތް އިންޝުއަރަންސް ޕޮލިސީ" ގައި ބިދޭސީ މީހާ ބައިވެރިވެފައިކަމުގެ ލިޔުން ހުށައަޅަން ޖެހެއެވެ.
އަދި އެހެނިހެން ވިޒާގެ ތަކުގެ ތެރެއިން ޓޫރިސްޓް ވީޒާ ގެ މުއްދަތު އިތުރު ކުރުމަށް ހުށަހަޅާއިރު އާއި ސްޕޮންސާޝިޕް ޑިކްލަރޭޝަން ހުށަހަޅާއިރު އެ ލިއުންތައް ހުށަހަޅަން ނުޖެހޭނެ އެވެ.