ހަބަރު

ބިދޭސީންއާ ގުޅޭ ކަންކަން އިކޮނޮމިކް މިނިސްޓްރީގެ ދަށަށް

ރާއްޖެއަށް ބިދޭސީއިން އެތެރެ ކުރުމުގެ ކަންކަން އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި އެވެ. މީގެކުރިން އެކަން ކުރަމުން ދިޔައީ އިމިގްރޭޝަންގެ ދަށުންނެވެ.

މިނިސްޓްރީއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އެ ބަދަލު ގެނައީ ލޭބަ އެންޑް އެންޕްލޯއިމެންޓް މެންޑޭޓްގެ ތެރޭގައި ހިމެނޭ މަސައްކަތްތަކުގެ ތެރެއިން، ބިދޭސީ މަސައްކަތްތެރީން ރާއްޖެއަށް އެތެރެވުމަށް ހުއްދަ ދިނުމާބެހޭ މަސައްކަތްތައް ހަރުދަނާކުރުމަށް ސަރުކާރުން އެކަށައަޅުއްވާފައިވާ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ކަމަށެވެ.

ސަރުކާރުން ނިންމާފައިވަނީ އިމިގްރޭޝަންއިން މިހާރު ދެމުންގެންދާ ބައެއް ހިދުމަތްތައް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް، އަންނަ މާޗް މަހުގެ ތެރޭގައި ބަދަލުކުރުމަށެވެ.

އެ ހިދުމަތް ހޯދާ ފަރާތްތަކަށް ދަތިނުވާނެފަދަ ގޮތަކަށް، ހުއްދަ ދިނުމުގެ މަސައްކަތްތައް އެ މިނިސްޓްރީއަށް ބަދަލުކުރުމަށް ކުރުންޖެހޭ އެންމެހާ މަސައްކަތްތައް ކަމާއިގުޅުންހުރި އިދާރާތަކާއި ގުޅިގެން ކުރަމުންދާ ކަމަށް އިއުލާނުގައި ބުންޏެވެ. ދަންނަވަމެވެ.

މިނިސްޓްރީގެ ދަށަށް ބަދަލުކުރާ ކަންކަން

  • ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް ބޭނުންކުރާ އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރެޖިސްޓްރީވުމުގެ މަސައްކަތްތައް
  • ކޯޓާ ހަމަޖައްސައިދުން
  • އެންޕްލޯއިމެންޓް އެޕްރޫވަލް ދިނުން
  • ވިސާ ޑިޕޮސިޓް ފީ ބަލައިގަތުން އަދި ރީފަންޑްކުރުން

ބިދޭސީއިން ކަންކަން މިނިސްޓްރީގެ ދަށަށް ބަދަލުކުރިއިރު ގަވައިދާ ހިލާފަށް ރާއްޖޭގެ ގިނަ ބިދޭސީންތަކެއް އުޅޭ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެ މައްސަލަ ހައްލު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

މީގެކުރިން ވެސް އިމިގްރޭޝަނަށް މި ސަރުކާރުން ވަނީ ބައެއް ބަދަލުތައް ގެނެސްފަ އެވެ. އެގޮތުން އެތަން މިހާރު ވަނީ ޑިފެންސް މިނިސްޓްރީގެ ދަށަށް ވެސް ބަދަލުކޮށްފަ އެވެ. ބިދޭސީއިން ގަވައިދާ ހިލާފަށް އެތެރެ ކުރުމުގައި އިމިގްރޭޝަންގެ މައްސަލަތަކެއް ހުރި ކަމަށް ތުހުމަތު ކުރެ އެވެ.