ދުނިޔެ

ބަޔަކަށް ލިބޭ ދެރައަކުން އިންޑިއާ ފައިދާ ނުނަގާނެ: ރަޖްނާތު ސިންގް

ބަޔަކަށް ލިބޭ ދެރައަކުން ފައިދާ ލިބިގަންނަ ސިޔާސަތު އިންޑިއާ ގަބޫލު ނުކުރާ ކަމަށް އިންޑިއާގެ ދިފާއީ ވަޒީރު ރަޖްނާތު ސިންގް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ސެން ފްރަންސިސްކޯގައި ދިރިއުޅޭ އިންޑިއާ - އެމެރިކާ އާބާދީއާ ބައްދަލު ކުރައްވައި ވަޒީރު ވިދާޅުވި ގޮތުގައި އިންޑިއާ އަބަދުވެސް ގަބޫލުކުރާ ގޮތަކީ އެއްބަޔަކު އަނެއް ބަޔަކާއެކު އޮންނަ ގުޅުމުގެ ފައިދާ ދެބަޔަށް ހަމަހަމައަށް ބައިވެގެންދާ އުސޫލު ކަމަށެވެ.

ރަޖްނާތު ސިންގް ވިދާޅުވި ގޮތުގައި އިންޑިއާއިން ގައުމުތަކާއެކު ގުޅުން ބަދަހި ކުރަނީ އެއްވެސް ބައެއްގެ ކިބައިން ބަދަލު ހިފުމަކަށް ނޫނެވެ. އޭނާ އަދި ވިދާޅުވީ ވަކި ގައުމަކަށް ލަނޑުދީފައި އެހެން ގައުމަކާ އިންޑިއާ ގުޅުން ބަދަހި ނުކުރާނެ ކަމަށެވެ.

ބައިނަލްއަގްވާމީ މުޖުތަމައުގައި ލަނޑުދޭ އުސޫލަށް އިންޑިއާ ބޯ ނުލަނބާނެ ކަމަށް ވެސް ވަޒިރު ވިދާޅުވި އެވެ. އެއީ ދުވަހަކު ވެސް އިންޑިއާ ކުރިކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަޖްނާތު ސިންގް މި މޭރުމުން ވާހަކަ ދެއްކެވި ސަބަބަކީ އެމެރިކާގެ ނުފޫޒާ ހެދި އިންޑިއާއަށް ނޭވާލެވޭވަރު ނުވުމެވެ.

ދުނިޔޭގެ ބާޒާރުގައި އިންޑިއާ ގެންގުޅޭ ސިޔާސަތަށް ބޯހަރު ސިޔާސީ ލީޑަރުން ވެސް ކުރަނީ ތައުރީފެވެ. އިންޑިއާ އަމިއްލަ ފައިމައްޗަށް ތެދުވެ ސިޔާސީ ގޮތުން އަދި އިގުތިސޯދީ ގޮތުން ހިންދެމިލަން ބަލާއިރު އެކުވެރިންގެ ތެރެއިން ބަޔަކާ ހެދި އަމިއްލަ އިޚްތިޔާރަށް މިހާރު އެ އޮތީ ބުރޫއަރާފަ އެވެ.

ރަޝިއާ - ޔުކްރޭން ހަނގުރާމައި އިންޑިއާގެ ކިބައިން އެމެރިކާ އެދެނީ ޔުކްރޭނަށް ކަމޭހިތައި ރަޝިއާ ކުށްވެރި ކުރުމަށެވެ. އެކަމަކު އެއަޑު އިވޭ ކަމަކަށް އިންޑިއާ ނުހަދަ އެވެ.

އިންޑިއާއިން ރަޝިއާގެ ތެޔޮ ގަތުމަކީ ވެސް އެމެރިކާއަށް ބޮޑު ރިހުމަކަށް ވަނީ ވެފަ އެވެ. އެމެރިކާ ބޭނުންވާ ގޮތަކީ ރަޝިއާއިން އެކައްޗެއް، އެއްވެސް ބަޔަކު ނުގަތުމެވެ.

އެހެން ނަމަވެސް، އިންޑިއާ އާއި ރަޝިއާއާ ދެމެދުގައި އޮތް ގުޅުން އަދި ވެސް އޮތީ ކުރިއަށެވެ. އެ ގުޅުމަށް ހީނަރު ކަމެއް ނާދެ އެވެ. ބަޔަކު ރުޅިން މަރުވިޔަަސް، އިންޑިއާ އޮތީ ރަޝިއާ ދޫކޮށްލާ ގޮތަކަށް ނޫނެވެ.