ގއ. ވިލިނގިލި ހޮސްޕިޓަލަށް ގެންދިޔަ ބަލި މީހަކަށް ފަރުވާ ދިނުން ލަސްވެ އެކަމުގައި އިހްމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ކުއްލި މައްސަލަ ހުށަހެޅުއްވީ އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އެވެ.
މިމައްސަލަ މަޖިލީހަށް ބަލައިގަތުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އަށް މެންބަރުންނެވެ. މައްސަލަ ބަލައިނުގަތުމަށް 39 މެންބަރުން ވޯޓު ދެއްވުމާ ގުޅިގެން މަޖިލީހުގެ ރިޔާސަތުން ވަނީ ކުއްލި މައްސަލަ ބޭރުކޮށްލާފަ އެވެ.
މެންބަރު ސައީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ މިމަހުގެ 12 ވަނަ ދުވަހު ވިލިނގިލި ހޮސްޕިޓަލަށް ގެންދިޔަ ބަލި މީހަކަށް ފަރުވާ ދިނުން ވަރަށް ބޮޑަށް ލަސްވެ އޭނާގެ ހާލު ސީރިއަސްވީ ހޮސްޕިޓަލްގެ އިހްމާލުން ކަމަށެވެ.
ބަލި މީހާ ހޮސްޕިޓަލަށް ގެންދިއުމުން ފުރަތަމަ ބެއްލެވި ޑޮކްޓަރު، ބަލި މީހާ އަށް ކުރިމަތިވެފައިވަނީ ގެސްޓްރިކްޓްގެ މައްސަލައެއް ކަމަށް އެންގެވި ކަމަށެވެ. ނަމަވެސް އާއިލާ އިން އެކަމާ ދެކޮޅު ހަދައި ދެވަނަ ޑޮކްޓަރެއް ދެ ގަޑިއިރު ފަހުން ގެނެސް ދެއްކުމުން އީސީޖީއެއް ހަދައި އީސީޖީން މައްސަލައެއް އުޅޭކަން އެނގޭތީ ވަގުތުން އިތުރު ފަރުވާ އަށް މާލެ އަށް ފޮނުވަން އެންގެވި ކަމަށެވެ.
"ބަލި މީހާ މާލެއަށް ފޮނުވައިދިނުމަށް އާއިލާ އިން އެދުމުން ބަލި މީހާ ގެންދިޔަތާ ނުވަ ގަޑިއިރު ފަހުން ޑޮކްޓަރުގެ ލިޔުން ލިބުނު ކަމަށާއި އާސަންދަ ހަމަޖެހި ފުރޭގޮތްވީ އޭޕްރީލް 13 ވަނަ ދުވަހުގެ އިރުއޮއްސި 7:45 ހާއިރު ކަމަށާއި ނަމަވެސް ބަލި މީހާ ގެންދިޔަ ފްލައިޓަކީ ޓްރާންސިޓް ފްލައިޓަކަށް ވުމުން ކޫއްޑޫ އިން ފުރައިގެން ފްލައިޓް ފުރަތަމަ ދިޔައީ އައްޑޫ ސިޓީގެ ގަމަށް ކަމަށާއި ގަމުގައި 45 މިނެޓް މަޑުކުރުމަށްފަހު ފްލައިޓް މާލެ އައިސް ހޮސްޕިޓަލަށް ގެންދެވުނީ އެރޭގެ 12:30 ގެ ފަހުން ބަލި މީހާ ވިލިނގިލި ހޮސްޕިޓަލަށް ގެންދެވުނުތާ 34 ގަޑިއިރު ފަހުން،" ކުއްލި މައްސަލައިގައިވެ އެެވެ.
ކުއްލި މައްސަލައިގައި ބުނެފައިވަނީ އޭނާ މާލެ ގެނެސް އައިޖީއެމްއެޗަށް ދެއްކުމުން ބަލި މީހާ އަށް ކުރިމަތިވެފައިވަނީ ހާޓް އެޓޭކެއް ކަމަށް ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށެވެ. އަދި ފަރުވާ ލަސްވުމުން އޭނާގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ހިތުގެ ބޮޑު އޮޕަރޭޝަނެއް ކުރަންޖެހިފައިވާ ކަމަށްވެސް ބުނެފައިވެ އެވެ. އަދި ބަލި މީހަކަށް އާސަންދަ ހަމަޖެއްސުމަށް ރަށު ކައުންސިލާއި ދާއިރާގެ މަޖިލިސް މެންބަރާއި ވެރިކަން ކުރާ ޕާޓީގެ ދާއިރާގެ ރައީސް ހުއްދަ ހޯދަންޖެހުމަކީ ގާނޫނުއަސާސީން ލިބިދޭ ހަމަހަމަކަން ގެއްލޭ ކަމެއް ކަމަށެވެ.
އެހެންވެ ވިލިނގިލި ހޮސްޕިޓަލަށް ގެންދިޔަ ބަލި މީހާ އަށް ފަރުވާ ދިނުން ލަސްވުމާއި އަދި އެކަމުގައި އިހްމާލުވި މީހުންނަށް ފިޔަވަޅު އެޅުމަށާއި އަދި އެފަދަ މައްސަލަތައް ތަކުރާރު ނުވާ ގޮތަށް ނިޒާމު ހަރުދަނާ ކުރުމަށް ސައީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ގޮވާލައްވާފައިވެ އެވެ.