ތަރިކަ

ދެ ރަށެއްގެ އާސާރީ ތަންތަން މާރާމާތުކުރަން އެހީ ދީފި

Apr 18, 2022

ނ. ލަންދޫ އާއި ތ. ދިޔަމިގިލީގައި ހުރި އާސާރީ ބައެއް ތަންތަން މާރާމާތުކުރުމަށް އިންޑިއާ ސަރުކާރުން އެހީ ދޭން ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ވަނީ އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ. ފޮރިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.

އިންޑިއާ އިން ދޭ 5.2 މިލިއަން ރުފިޔާގެ އެހީގައި ލަންދޫ މާބުދުގެ އާއި ދިޔަމިގިލީ ދަރިކޮޅުގެ ރަސްމަތިފުށާ ގުޅޭ ގަނޑުވަރު މަރާމާތުކޮށް، ރައްކާތެރިކުރާނެ އެވެ.

މީގެއިތުރުން ސައިޓް މިއުޒިއަމް ގާއިމުކޮށް، އެތަންތަނަށް ޒިޔާރަތްކުރާ މީހުންނަށް އެތަންތަން ފެންނާނެ ގޮތަށް ހަދައި، ގެލެރީތައް ގާއިމުކުރުމަށް ވެސް ހަމަޖެހިފައިވެ އެވެ. އެގޮތުން މިޒަމާނުގެ މިއުޒިމްތަކުގައި ގާއިމުކޮށްފައި ހުންނަ ޑިޖިޓަލް އެގްޒިބިޓްތައް އެތަންތަނުގައި ގާއިމުކޮށް، އެތަންތަނާ ބެހޭ މައުލޫމާތު އާއްމުންނަށް ލިބޭނެ އިންތިޒާމު ވެސް ހަމަޖެއްސުމަށް ނިންމާފައިވެ އެވެ.

އިންޑިއާ ސަރުކާރުން މީގެކުރިންވެސް ވަނީ ރާއްޖޭގެ އާސާރީ ތަންތަން މަރާމާތުކުރުމަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން މިފަހުން މާލޭގެ ހުކުރު މިސްކިތް މަރާމާތުކޮށް އާބާތުރަ ފިލުވާފައިވަނީ އިންޑިއާގެ އެހީގަ އެވެ.