ޓެކްނޯލޮޖީ

ގޫގުލް ޕިކްސެލް ސްމާޓްގަޑި: ދެން ލަހެއް ނުވާނެ

ގޫގުލުން ޕިކްސެލް ސްމާޓްގަޑިއެއް އުފައްދާނެ ކަމަށް ބުނެވޭތާ އަހަރުތަކެއް ވެއްޖެ އެވެ. އެކަމަކު އަދިވެސް ޕިކްސެލް ސްމާޓްފޯން ބޭނުންކުރާ މީހުންގެ އަތައް ހެޔޮވަރު ކޮށްލަން ޕިކްސެލް ގަޑިއެއް ނުލިބެ އެވެ.

ޕިކްސެލް ގަޑިއެއް ބާޒާރަށް ނެރެން ގޫގުލުން ޖެހިލުން ވަނީ ނުވިކޭނެތީއެއް ނޫނެވެ. ބުނެވޭ ގޮތުގައި ގޫގުލް ބޭނުންވާ ފެންވަރުގައި، އެދޭ ގޮތަށް އަދިވެސް ގަޑިތައް ޑިޒައިން ނުކުރެވެނީ އެވެ.

އެންޑްރޮއިޑް ފޯނެއްގައި ހުރި ކުޅަދާނަކަން ތަޖުރިބާކުރަން އެދޭ ނަމަ އެކަން ވާން އޮތީ ޕިކްސެލް ފޯނަކުންނެވެ. ފުރަތަމަ ސަބަބަކީ ޕިކްސެލް މަރުކާގެ ސްމާޓްފޯންތަކަކީ ގޫގުލުން ޑިޒައިންކޮށް އުފައްދާ ފޯނުތަކަކަށް ވުމެވެ. ދެވަނަ ސަބަބަކީ އެންޑްރޮއިޑްއަކީ ވެސް ގޫގުލުން އުފައްދާ މޮބައިލް އޮޕަރޭޓިން ސިސްޓަމަކަށް ވުމެވެ.

އެހެންކަމުން "ވެއާއޯއެސް" ގައި ހުރި ކުޅަދާނަން އަންދާޒާ ކުރުމަށް ޕިކްސެލް ނޫން ގަޑިއެއް ކަމަކު ނުދާނެ އެވެ. ޕިކްސެލް ސްމާޓްގަޑި އާއި ވެއާއޯއެސް އަކީ ވެސް ގޫގުލްއަށް ނިސްބަތްވާ ދެ އުފެއްދުމެވެ.

ޕިކްސެލް ގަޑިއެއް ނެރޭނެ ދުވަހަކާ ބެހޭ ގޮތުން ކުރިން ބުނެވުނީ ވަކި ތާރީހެއް ނެތް ކަމަށެވެ. އެކަމަކު މިހާރު ބުނެވެނީ މިއަހަރު ނެރޭނެ ކަމަށެވެ. އިންޓަނެޓަށް ލީކުވެފައި ހުރި ބައެއް ޚަބަރުތައް ބުނާ ގޮން މެއި 26 ގައި ވެސް މާކެޓަށް ނެރެފާނެ އެވެ.

ޕިކްސެލް ގަޑި އަކީ ސްމާޓް ގަޑިއެކެވެ. އެންޑްރޮއިޑް ފޯނުތަކާއެކު ބޭނުން ކުރުމަށް ގޫގުލުން އުފައްދާ ޑިވައިސްއެކެވެ. އެހެން ނަމަވެސްަ ޕިކްސެލް ގަޑި އެންމެ އޮމާންކޮށް ހިނގާނެ ކަމަށް ބުނެވެނީ ޕިކްސެލް ފޯނުތަކާއެކު އެވެ.

ގޫގުލުން ޕިކްސެލް ގަޑީގައި ހިމަނާނެ ކަމަށް ބުނާ ފީޗާތަކެއް އެބަ ހުއްޓެވެ. އެކަމަކު އެއީ ރަސްމީ ބުނުންތަކެއް ނޫނެވެ. ގަޑި ނެރުން ހަގީގަތަކަށްވެ އާންމުވާއިރު އެނޫން ފީޗާތަކެއް ވެސް ހުރެދާނެ އެވެ.