ހަބަރު

އިތުރު 17 ރަށެއްގެ މައްސަލާގައި އަދީބާއި ޒިޔަތަށް ދައުވާކުރަން ޕީޖީއަށް

އިތުރު 17 ރަށެއްގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއަށާއި އެމްއެމްޕީއާރްސީގެ އެމްޑީ އަބްދުﷲ ޒިޔަތު މައްޗައް ދައުވާ ކޮށްދޭން އެދި ފުލުހުން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

ޕީޖީ އޮފީހުގެ އިންފޮމޭޝަން އޮފިސަރު އަހުމަދު އާރިފް މިއަދު ވިދާޅުވީ އަދީބާއި ޒިޔަތުގެ މައްޗައް އިތުރު 17 ރަށުގެ މައްސަލަ ފުލުހުން ފޮނުވާފައިވަނީ މިދިޔަ ބުރާސްފަތު ދުވަހުގައި ކަމަށެވެ. އޭގެ ތެރެއިން ކ. އަތޮޅާއި ބ. އަދި ރ. އަތޮޅުގެ އެކި ހިސާބުތަކުގެ ފަޅުރައްތަކުގެ އިތުރުން އއ. އަތޮޅުގެ ބައެއް ރައްތަކުގެ ފަޅުރަށްރަށުގެ މައްސަލަ ފުލުހުން ފޮނުވާފައިވާ ކަމަށް އާރިފް ވިދާޅުވި އެވެ.

ފުލުހުން މީގެ ކުރިން ވެސް ވަނީ އަދީބުގެ މައްޗަށް ތުހުމަތުވާ އަށް ރަށެއްގެ މައްސަލަ ބަލައި ދައުވާކޮށްދޭން އެދި ޕީޖީ އަށް ފޮނުވައިފަ އެވެ. އާރިފް ވިދާޅުވީ އެތަނުން އެއް ރަށުގެ މައްސަލަ ކޯޓަށް ފޮނުވާފައިވާ އިރު ދެން ހުރި މައްސަލަތައް އަދިވެސް ދިރާސާ ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން މީގެ ކުރިން ވަނީ އެމްއެއެމްޕީއާރްސީގެ ފައިސާ އަށް އަދީބާއި ޒިޔަތު ހިޔާނާތްވެފައިވާތީ އެ ދެ ބޭފުޅުންގެ މައްޗަށް ހިޔާނާތުގެ ދައުވާކޮށްދިނުމަށާއި ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެމްއެމްޕީއާރްސީން ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް ރަށްތައް ދޫކުރުމަށްފަހު ލިބިފައިވާ ފައިސާ ނަހަމަގޮތުގައި ޒިޔަތާއި އަދީބު ބޭނުންކޮށްފައިވާ ކަމަށް ދައުވާ ކުރުމަށް ވެސް ފޮނުވާފަ އެވެ.