ރައްޔިތުންގެ މަޖިލިސް

ސަރުކާރުގެ ގޯސްތައް އިސްލާހުކުރާ މައްސަލަ ބޭރު ކޮށްލައިފި

Apr 19, 2022
1

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ގުޅޭގޮތުން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމުގައިވާ ހިއުމަން ރައިޓްސް ވޮޗުން ނެރެފައިވާ ރިޕޯޓްގައި ފާހަގަކޮށްފައިވާ މައްސަލަތައް އިސްލާހުކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމްގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް އެވެ.

މަޖިލީހުގައި މައްސަލައަށް ބަހުސްކުރުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ފުރުސަތު ހުޅުވާލުމުން ބަހުސްކުރުމަށް ތާއީދު ކުރެއްވީ އައް މެންބަރުންނެވެ. ބަހުސްކުރުމާ ދެކޮޅަށް 32 ވޯޓު ދެއްވުމުން އެ މައްސަލަ މަޖިލީހުގެ ރިޔާސަތުން ވަނީ ބޭރުކޮށްލާފަ އެވެ.

ހުސައިން ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ އެއްވެއުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމާއި ޝަރުއީ ދާއިރާ އިސްލާހުކުރުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށް ހިއުމަން ރައިޓްސް ވޮޗްގެ ރިޕޯޓްގައި ބުނެފައިވާ ކަމަށެވެ.

ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމެވެ. ސަރުކާރަށް ހަތަރު އަހަރު ވެގެންދިޔައިރު ސިޔާސީ ބޭފުޅުން ނުހިމެނޭ ގޮތަށް ޖޭއެސްސީ އެކުލަވާލެވިފައި ނުވާ ކަމަށް ހިއުމަން ރައިޓްސް ވޮޗްގެ ރިޕޯޓްގައި އޮތް ކަމަށްވެސް މައްސަލައިގެވެ އެވެ. ޖޭއެސްސީގެ ތެރެއިން ސިޔާސީ ބޭފުޅުންގެ ނުފޫޒު ޝަރުއީ ދާއިރާއަށް ފޯރުވައި ޝަރުއީ ދާއިރާގެ މިނިވަންކަން ގެއްލުވާލާފައިވާ ކަމަށްވެސް މައްސަލައިގައިވެ އެވެ.

ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ އާއިލާތަކަށް އިންސާފު ހޯދައިދިނުމަށް ވައުދުވެގެން މިސަރުކާރުން އުފެއްދި މަރު ކޮމިޝަނަށް ތިން އަހަރު ވެގެން ދިޔައިރު ތަހުގީގުތަކުގައި ކުރިއެރުންތަކެއް ހޯދިފައި ނުވާ ކަމަށް ހިއުމަން ރައިޓްސް ވޮޗްގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަމަށްވެސް މައްސަލައިގައި ބުނެފައިވާ ކަމަށެވެ.

ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ހޯދުމަށް ރައްޔިތުން ނިކުތުމުން ކޮވިޑް 19 އުޒުރަކަށް ހަދައި އެ ހައްގު ނިގުޅައިގެންފައިވާ ކަމަށްވެސް ހިއުމަން ރައިޓްސް ވޮޗްގެ ރިޕޯޓާ ހަވާލާދީ މައްސަލައިގައި ބުނެފައިވެ އެވެ. އަދި އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ހޯދަން ނިކުން މީހުންނާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކޮށްފައިވާ ކަމަށާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ގެއްލޭ ގޮތަށް ހުރި ގާނޫނުތައް އުވާލުމަށް މިސަރުކާރުން ވީވައުދު ފުއްދަވާފައި ނުވާ ކަމަށްވެސް މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

މީގެއިތުރުން ދިވެހިރާއްޖެ އަކީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް އޮތް ގައުމަކަށްވީއިރު ތިން ބާރު މަސް ހުނިވެ އިންސާފު ގާއިމުނުކުރެވި ރައްޔިތުންގެ އަސާސީ ހައްގުތައް ނިގުޅައިގަންނަމުންދާ ކަމަށްވެސް ހިއުމަން ރައިޓްސް ވޮޗްގެ ރިޕޯޓާ ހަވާލާދީ މައްސަލައިގައި ބުނެފައިވެ އެވެ.

"ހިއުމަން ރައިޓްސް ވޮޗުން ނެރެފައިވާ ރިޕޯޓްގައިވާ މިސަރުކާރު ފެއިލްވެފައިވާ ކަމަށް ބުނެ ފާހަގަކޮށްފައިވާ ކަންބޮޑުވުންތައް އިސްލާހުކުރުމަށް ސަރުކާރަށް އިލްތިމާސްކޮށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 179 ވަނަ މާއްދާގެ ދަށުން މައްސަލަ ހުށަހަޅައިފިން" ހުސައިން ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެ އެވެ.