ރާއްޖޭގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލައްވާނެ ކަމުގެ އިޝާރާތެއް މިއަދު ޑިފެންސް މިނިސްޓަރުގެ މަގާމުން ވަކިކުރި މުހައްމަދު ނާޒިމް ދެއްވައިފި އެވެ.
މަގާމުން ވަކިކުރުމާ ގުޅިގެން މިއަދު ދިޓީވީގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ނާޒިމް ވިދާޅުވީ "މި އަދާކުރި މަގާމަށް ވުރެ މަތީ މަގާމެއް އަދާކުރުމަކީ" އަޒުމެއް ކަމަށެވެ. އަދި ވިދާޅުވީ ޑިފެންސް މިނިސްޓަރުކަމުން ވަކިކުރުމުން ދެން ސަރުކާރުގެ އިތުރު މަގާމަކާ ހަވާލެއް ވެސް ނުވާނަން ކަމަށާއި ކުރިމަތިވެސް ނުލައްވާނެ ކަމަށެވެ.
ރައީސް ކަމުގެ މަގާމަށް ކުރިމަތިލުމުގެ ވިސްނުމެއް ނެތް ކަމަށް، ނޫސްވެރިއެއްގެ ސުވާލުގެ ޖަވާބުގައި ނާޒިމް ވިދާޅުވި ނަމަވެސް އޭނާ ވިދާޅުވީ ގިނަ ރައްޔިތުން އެކަމަށް އެދޭ ނަމަ އެކަން ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ މިކަން މިހާރުގެ ސަރުކާރުގެ ބޭފުޅުންނަށް ދަންނަވާލަން ބޭނުން ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ ހުރިހާ މަގާމަކުން ވަކިކުރި ކަމުގައި ވިޔަސް މިހާ ހިސާބުން ސިޔާސީ ކެރިއަރު ނިމުނީ ނޫން ކަމަށެވެ.
ނާޒިމް ވިދާޅުވީ އޭނާ އަކީ ޑިފެންސް މިނިސްޓަރު ކަމުގައި ހުންނެވި ބޭފުޅަކަށް ވުމުން ސަރުކާރުގެ ވަރަށް ގިނަ ސިއްރުތައް އެނގޭނެ ކަމަށާއި އެހެންވެ އިދިކޮޅު ފަރާތްތަކާ އެކު ގުޅިގެން މަސައްކަތް ކުރާނީ ދުވަސްކޮޅެއްގެ ބްރޭކަކަށް ފަހުގައި ކަމަށެވެ. އަދި ސަރުކާރު ޒިންމާދާރު ކުރުވަން އަޑު އުފުލާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ނާޒިމްގެ ގެޔަށް ފުލުހުން ވަން މައްސަލާގައި އޭނާ ވިދާޅުވީ އެއްވެސް ގައުމެއްގައި ގައުމުގެ ވަލިއްޔުލް އަމުރަށް ނޭނގި ޑިފެންސް މިނިސްޓަރުގެ ގެޔަށް ވަދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެކަން ހިނގައިދިޔަ ގޮތުން މި ގައުމުގައި އެއްވެސް ރައްޔިތަކަށް ރައްކާތެރިކަމެއް ނެތްކަން އެނގިއްޖެ ކަމަށެވެ.
ނޫސްކޮންފަރެންސްގައި ނާޒިމް ވަނީ އޭނާގެ ގެޔަށް ފުލުހުން ވަން މައްސަލާގައި އެއްވެސް ތަފްސީލެއް ދެއްވަން އިންކާރު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ މައުލޫމާތެއް ދެއްވާ ނަމަ އެކަން ކުރައްވާނީ ވަކީލުން ކަމަށާއި އޭނާގެ ވަކީލަކީ ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ކަމަށެވެ.
ނާޒިމް ވަނީ އޭނާ ސަރުކާރުގައި ހުންނެވި އިރު އޭނާއާ އެކު މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ މަގާމުން ވަކިކުރިކަން ރައްޔިތުންނަށް އަމިއްލަ ހައިސިއްޔަތުން ދަންނަވާލަން ކަމަށެވެ.
އޭނާ މިހެން ވިދާޅުވި އިރު ނާޒިމްއާ ސަރުކާރާ މެދު މައްސަލަ ޖެހިފައި ވަނީ ނާޒިމް ރައީސް ކަމަށް ވާދަކުރައްވަން އުޅޭތީ ކަމަށް އަޑުތައް ފެތުރިފައިވެ އެވެ. އަދި ސޯޝަލް މީޑިއާގައި މިހާރުވެސް ދަނީ "ނާޒިމް 2018" ގެ ނަމުގައި ނާޒިމަށް ތާއީދުކޮށް ހަރަކާތްތައް ހިންގަމުންނެވެ.