ފެނަކަ ކޯޕްރޭޝަން

ވާދޫ ފެނުގެ ނިޒާމުގެ މަސައްކަތް ފަށައިފި

Apr 19, 2022

ގދ. ވާދޫގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ވާދޫގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރަސްމީކޮށް މި މަސައްކަތް ފައްޓަވައި ދެއްވީ ވާދޫ އަށް ނިސްބަތްވާ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު އެވެ.

މިރަސްމިއްޔާތުގައި ވާދޫ ކައުންސިލް މެމްބަރުންނާއި އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވެސް ބައިވެރިވެފައިވެ އެވެ.

މިމަޝްރޫއުގެ ދަށުން ކުރިއަށް އޮތް ހަތަރު މަސްތެރޭ ހޮޅި ވަޅުލައި، ސާފުކޮށް، ޕްރެޝަރު ޓެސްޓް ކޮށް، ގޭގެއަށް ކަނެކްޝަން ދިނުމުގެ އެންމެހައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ފެނަކަ ކޯޕަރޭޝަނުންނެވެ.

މިމަޝްރޫއުގެ ބައެއް މަސައްކަތްތައް ކުރިއަށް ގެންދަނީ އެމްޑަބްލިއުއެސްސީއާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަހްމަދު ސައީދު ވިދާޅުވީ ފެނުގެ ނިޒާމު ގާއިމުކޮށް ނިމުމާއެކު، އެރަށުގެ ގޭގޭގައި ޑިސްޕެންސަރ ބަހައްޓައިގެން ބޭނުންކުރެވޭ ގޮތަށް 18 ލީޓަރު ފުޅީގައި ފެން ބަންދުކޮށް ފޯރުކޮށްދޭން ފެނަކައިން ފަށާނެ ކަމަށެވެ.