ދުނިޔެ

އިޒްރޭލުގެ ހަމަލާތައް ކޮންޓްރޯލްކުރަން އެމެރިކާ ގޮވާލައިފި

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން އިޒްރޭލުގެ ފޮރިން މިނިސްޓަރު ޔައީރު ލަޕީދުއަށް ފޯނު ކުރައްވައި ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި ހަމަނުޖެހުން އިތުރުވިޔަ ނުދޭން ދަންނަވައިފި އެވެ.

ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސްއަށް ވެސް ބްލިންކެން ފޯނު ކުރެއްވި އެވެ. އަދި ހަމަނުޖެހުންތަކަށް ހިތްވަރު ދޭ މީހުންނަށް ނަސޭހަތްތެރިވުމަށް އެދިވަޑައިގެންނެވި އެވެ.

ބްލިންކެން ވިދާޅުވީ ދީންތަކަށް ހުރުމަތްތެރި ވެގެންވާ ދުވަސްތަކާއި ތަންތަން ބޭނުން ކުރުމުގެ އިހުތިޔާރު އޮންނަން ވާނެ ކަމަށާއި ވަކި ދުވަސްތަކަކާ ދިމާކޮށް ހަމަނުޖެހުން ހިންގުމުން ވީރާނާވެފައި އޮތް ސަރަހައްދުގެ ހާލަތު ދެން ވެސް ވާނީ ގޯސް ކަމަށެވެ.

އިޒްރޭލާއި ފަލަސްތީން ވެސް ސުލްހައަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ބްލިންކެން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އެމެރިކާގެ މަސްލަހަތަކީ ދެ ގައުމަށް ދެ ދައުލަތް ކަމަށާއި އެކަމަށް ބާރު އަޅައި މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ.

އެންތަނީ ބްލިންކެން މި މޭރުމުން ވާހަކަ ދެއްކެވީ އިޒްރޭލު ސިފައިން ގުދުސްއަށް ވަދެގަނެ އެކަށީގެން ނުވާ ވަރަށް ބާރުގެ ބޭނުންކޮށް ނަމާދަށް ތިބި މީހުން މިސްކިތުން ނެރެން އުޅުމުން ހިނގައި ދިޔަ ހަމަނުޖެހުންތަކާ ގުޅިގެންނެވެ.

އަގްސާ މިސްކިތުގައި ތިބި މީހުން ކޮއްޕައި ރުޅިވެރި ކަމާއެކު ފައިންތަޅައި ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފަ އެވެ. ނަމާދު ހޯލަށް ސްޓަން ގްރޭނޭޑް އުކައި ނޭވާލާން ދަތިވާ ވަރަށް ކަރުނަ ގޭސް ވެސް ވަނީ ޖަހާފަ އެވެ.

އިޒްރޭލު ސިފައިން ހުޅަނގު އައްސޭރީގައި އާންމުންނަށް ބަޑިން ހަމަލާދީ މި ރޯދަ މަހު ވެސް އެތައް ބަޔަކު ވަނީ މަރާފަ އެވެ. އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެ އެވެ. ގުދުސްގައި ހަރަކާތްތެރިވާ ރެޑް ކްރެސެންޓްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އަނިޔާ ލިބިގެން މިސްކިތުން ނެރުނު މީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ.