ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުން މަހު ކުލީގެ ގޮތުގައި ދައްކަންޖެހޭ އަދަދު ކުޑަކޮށް ނުދެނީސް ޓޫރިސްޓް ރިސޯޓްތަކުގެ ބިމު ކުލި ކުޑަކޮށްދިނުމަށް މަޖިލީހަށް ހުށަހަޅާފައި އިސްލާހަށް ތާއީދު ނުކުރައްވާނެ ކަމަށް އެމްއެންޕީގެ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ކުލި ބޮޑުވެގެން ވަރަށް ގިނަ ރައްޔިތުންގެ ފަރާތުން ކޮންމެ ދުވަހަކު އޭނާ އަށް ޝަކުވާ ލިބެމުންދާ ކަމަށެވެ.
ހިޔާ ފްލެޓްގައި ވަރަށް ނިކަމެތި ހާލުގައި ރައްޔިތުންތަކެއް ދިރިއުޅެމުންދާ ކަމަށް ފާހަގަކުރައްވަމުން އުޝާމް ވިދާޅުވީ ފްލެޓްތަކުގެ ކުލި ދެއްކޭނެ ގޮތެއް ނެތް ރައްޔިތުން ތަކެއް އުޅެމުންދާއިރު ސަރުކާރުން އެމީހުންނަށް އެއްވެސް ގޮތެއް ހަމަޖައްސައިދީފައި ނުވާ ކަމަށް އެމީހުން ބުނާ ކަމަށެވެ.
އުޝާމް ވިދާޅުވީ ހިޔާ ފްލެޓްގައި ދިރިއުޅޭ ނިކަމެތި ރައްޔިތުން ކުލި ކުޑަކޮށްދިނުމަށް އެދޭއިރު އެ އަޑު އެހުމެއް ނެތި މަހުޖަނުންގެ ރިސޯޓުތަކުގެ ބިމު ކުލި ކުޑަކުރަން މަޖިލީހަށް ހުށަހެޅުމަކީ ދައުލަތުން ކުރާ ބޭއިންސާފު އަމަލެއް ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ނިކަމެތި ރައްޔިތުން މިދައްކާ ވާހަކަ އަޑުނާހާ ނިކަމެތި ރައްޔިތުންނަށް މިކަމުގައި ހައްލެއް ހޯދައިނުދީ އެ ބޭފުުޅުން އެ ދައްކަންޖެހޭ ކުލި ކުޑަކޮށް ނުދީ ރާއްޖޭގެ އެންމެ ބޮޑެތި މަހުޖަނުން ދައުލަތަށް ދައްކަންޖެހޭ ކުލި މިގޮތަށް ދައްކައިދިނުމަށް، ކުލި ކުޑަކޮށްދިނުމަކީ ދައުލަތުން މިއަދު ކުރާ ވަރަށް ބޭއިންސާފު އަމަލެއް. އެހެންކަމުން ބިމު ކުލި ކުޑަކުރުމަށްޓަކައި ހުށަހަޅާފައި މިއޮތް އިސްލާހަށް އަޅުގަނޑު އެއްގޮތަކަށް ވެސް ތާއީދު ނުކުރާ ވާހަކަ ދަންނަވަން،" އުޝާމް ވިދާޅުވި އެވެ.
ހިޔާ ފްލެޓްތަކުގައި ކުލީގެ ގޮތުގައި މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ދައްކަންޖެހެނީ ކުލީގެ ގޮތުގައި މަހަކު 7،500 ރުފިޔާއާއި މެއިންޓަނަންސް ފީގެ ގޮތުގައި މަހަކު 1،000 ރުފިޔާއާ އެކު ޖުމްލަ 8،500 ރުފިޔާ އެވެ.
ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުން އެދެމުން ދަނީ މަހު ކުލީގެ އަދަދު 5،600 ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދެއް ހަމަޖައްސައިދިނުމަށެވެ. ނަމަވެސް މިހާރު ދައްކަންޖެހޭ އަދަދަށް ވުރެ ކުލި ކުޑަކުރެވެން ނެތް ކަމަށް އެޗްޑީސީން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.