ބ. ދޮންފަނު ރައްޔިތުން ޕިކްނިކް ދިއުމަށް ހާއްސަ ރަށެއްގެ ގޮތުގައި ހަނިފަރު ހަމަޖެއްސައިދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހަޅައިފި އެވެ.
ދޮންފަނު ކައުންސިލްގެ ހުށަހެޅުން ރައީސް ސޯލިހަށް ހުށަހެޅީ ރައީސް އޮފީހުގައި މިއަދު އެމަނިކުފާނާ އެކު ދޮންފަނު ކައުންސިލަރުން ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.
މިބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ދޮންފަނު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ރަށުގެ ތަރައްގީއަށް އެންމެ މުހިއްމު ކަންކަމާ ގުޅޭގޮތުން ރައީސް ސޯލިހާ މަޝްވަރާކުރައްވާފަ އެވެ.
އެގޮތުން ކައުންސިލަރުން ވަނީ ދޮންފަނު ބަނދަރާއި ގުޅިގެން ހުރި ކަންބޮޑުވުންތަކާއި ރަށުން އިތުރު ގޯތި ދޫކުރުމާއި ވޭސްޓްމެނޭޖްމަންޓް ސެންޓަރު ބޭނުންކުރުމުގައި ކުރިމަތިވާ ބައެއް ދަތިތައް ރައީސްގެ ސަމާލުކަމަށް ގެންނަވާފަ އެވެ. ކައުންސިލް އިދާރާއާއި ސްކޫލާއި ހެލްތު ސެންޓަރުގެ ޖާގައިގެ ދަތިކަމާއި ސްކޫލާއި ހެލްތު ސެންޓަރުގެ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ކަންކަމާއި އަދި ޒުވާނުންނަށް ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑެއް ތަރައްގީކުރަން ބޭނުންވާ ކަމަށްވެސް ފާހަގަކުރެއްވެވި އެވެ.
މީގެ އިތުރުން ދޮންފަނު ރައްޔިތުން ޕިކްނިކް ގޮސްހަދާނެ ރަށެއް މިވަގުތު ނެތުމުން ބ. ހަނިފަރު އެކަމަށް ހާއްސަކޮށްދިނުމަށާއި ރަށުގެ ތަރައްގީއަށް މުހިއްމު އިތުރު ކަންކަމާ ގުޅޭގޮތުންވެސް ކައުންސިލަރުން ވަނީ ރައީސް ސޯލިހާ މަޝްވަރާކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ ދޮންފަނުގެ ތަރައްގީގެ މަޝްރޫއުތަކާއި ގުޅޭގޮތުން އެންމެ ފަހުގެ މައުލޫމާތުތައް ކައުންސިލަރުންނާ ހިއްސާ ކުރައްވާފަ އެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.