ބޮލީވުޑް

ކިއާރާ އާއި ސިދާރުތު ގުޅުމަށް ނިމުން

"ޝޭރްޝާހް"ގެ ދެ ތަރިން ކަމަށްވާ ސިދާރުތު މަލްހޯތުރާ އާއި ކިއާރާ އަދުވާނީ ރައްޓެހި ވެގެން އުޅޭތާ ތިން އަހަރު ފަހުން ރުޅިވެއްޖެ އެވެ. އިންޑިޔާގެ ނޫހަކުން ބުނި ގޮތުގައި ދެ މީހުންގެ ލޯތްބަށް ނިމުން އައި ސީދާ ސަބަބެއް އަދި ނޭނގެ އެވެ. ނަމަވެސް ދެ މީހުން އެކަކު އަނެކަކާ ބައްދަލު ކުރުން މިހާރު މުޅިން ހުއްޓާލާފައިވާ ކަން ޔަގީން ކަމަށް އެ ނޫހުގައި ބުނެފައި ވެއެވެ.

ސިދާރްތު އާއި ކިއާރާ ރުޅިވި ހަބަރާއެކު އެ ދެ ތަރިންގެ ލޯބީގެ ގުޅުން އޮންނަން ބޭނުންވާ ފޭނުން ވަނީ ހިތް ހަލާކުވެފަ އެވެ. ފޭނުން އުންމީދު ކޮށްގެން ތިބީ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރުގެ ކައިވެންޏަށް ފަހު ދެން އެންމެ އަވަހަށް ބޮލީވުޑުން ފެންނާނީ ކިއާރާ އާއި ސިދާރްތުގެ ކައިވެނި ކަމަށެވެ. އެގޮތަށް އުންމީދު ކޮށްގެން ތިއްބާ މި ދެ އެކްޓަރުން ރުޅިވީ ޚަބަރު ލިބުމުން ފޭނުން ވަރަށް ބޮޑަށް ވަނީ މާޔޫސްވެފަ އެވެ.

ސިދާރްތު އާއި ކިއާރާ ރައްޓެހި ވެގެން ފުރަތަމަ ދެ އަހަރެއްހާ ދުވަހު އުޅުނީ ވަރަށް ސިއްރު ސިއްރުންނެވެ. ނަމަވެސް މި ފަހަކަށް އައިސް އެކުގައި ޑިނާ ޑޭޓްތަކަށް ދިއުމާއި ބޭރު ގައުމުތަކަށް ޗުއްޓީއަށް ދިއުން ފަދަ ކަންކަން ކުރަން ވަނީ ފަށާފަ އެވެ. ނަމަވެސް ދެ މީހުން ރުޅިވިއިރު ވެސް އެމީހުން ރައްޓެހި ވެގެން އުޅޭކަމަށް މީޑިއާގައި އެއްބަހެއް ނުވެ އެވެ.

ފިލްމީ ރޮނގުން ބަލާއިރު ކިއާރާ ބިޒީކޮށް އުޅެނީ ކާރްތިކް އާރްޔަން އާއި ތައްބޫ އާއެކު ކުޅޭ "ބޫލް ބުލައްޔާ 2"ގެ ޝޫޓިންގް ގައެވެ. މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ މޭ 20 ވަނަ ދުވަހު އެވެ. އަދި ވަރުން ދަވަން އާއި ނީތޫ ސިންގް، އަނިލް ކަޕޫރު، ޕްރަޖަކްތާ ކޯލީ އަދި މަނީޝް ޕޯލް ބައިވެރިވާ "ޖުގް ޖުގް ޖިޔާ"ގެ ޝޫޓީން ނިމި މިހާރު އޮތީ ރިލީޒް ކުރުމުގެ މަރުހަލާގަ އެވެ.

ސިދާރްތުގެ ފިލްމުތަކަށް ބަލާއިރު މިހާރު އޭނާ ޝޫޓް ކުރަމުން ދަނީ "މިޝަން މަޖްނޫ" އެވެ. މި ފިލްމުގައި އޭނާ އާއެކު ބަތަލާގެ ރޯލު ކުޅެނީ "ޕުޝްޕާ"ގެ ބަތަލާ ރަޝްމިކާ މަންޑަނާ އެވެ. ސިދާރްތުގެ އަތުގައި ކަރަން ޖޯހަރްގެ "ޔޯދާ" ވެސް އެބަ އޮތެވެ.