އިމްތިޔާޒު ފަހުމީ

ވައްކަން ބެލުމުގެ ޝައުގުވެރިކަމެއް ސަރުކާރަކުން ނުފެނޭ: އިންތި

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ އާއި މި ސަރުކާރު އައިފަހުން ހިންގި ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލަ ބެލުމުގެ ޝައުގުވެރި ކަމެއް ސަރުކާރުގެ އޮތްހެން ހީނުވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ ވިދާޅުވެއްޖެ އެވެ.

އިމްތިޔާޒް މިހެން ވިދާޅުވީ ރ އަތޮޅު ދުވާފަރުގައި ކެމްޕެއިން ޖަގަހައެއް ހުޅުވުމަށް ފަހު ރޭ ދެއްކެވި ވާހަކަގައެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ އަސާސްތަކާއި އުސޫލުތައް ގެއްލުވާލަން ބަޔަކު މަސައްކަތް ކުރަމުން ދާ ކަމަށެވެ. އެގޮތުން މި ސަރުކާރުގެ ދައުރު ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު އެމްއެމްޕީއާރުސީގެ މައްސަލަ ބަލަން މާ ބޮޑު ޝައުގެއް ސަރުކާރުގެ ނެތް ކަމަށް ވިދާޅުވި އެވެ.

"އަދިވެސް މާބޮޑު ޝައުގުވެރިކަމެއް އޮތްހެނެއް ހީ ނުވޭ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބެލުމަކަށް. ނުވިތާކަށް އަޅުގަނޑުމެންގެ ސަރުކާރު އައިފަހުން ހިންގި ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލަ ބެލުމުގެ ޝައުގުވެރިކަމެއްވެސް ނެތްހެން ހީވަނީ. އެކަމުގެ ޝައުގުވެރިކަމެއް އޮވެގެން ވާހަކަ ދައްކާ މީހަކުވެސް މަދު،" އިންތި ވިދާޅުވި އެވެ.

ވައްކަމާއި ހިޔާނާތް ވަރިހަމަވެގެން ރައްޔިތުން ގާތަށް ގޮސް ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. އަދި އެތެރޭގެ އިންތިހާބެއް އައިމާ ރަށް ފަޅުކުރާނަމޭ ބުނެ އެފަދަ ވާހަކަތައް ދެއްކެވިގެން ނުވާނެ ކަމަށް ވިދާޅުވެ ވާދަވެރި ކެންޑިޑޭޓަށް ބަހުގެ ހަމަލާ ދެއްވިއެވެ. ވަކި މީހަކަށް ވޯޓު ނުދީގެން ވަޒީފާއިން ވަކިކުރާނެ ކަމުގެ ބިރު ދެއްކުމާއި ލޯނު ނުދޭނެ ކަމުގެ ބިރު ދެއްކުމަކީ ކުރެވިގެން ވާނެ ކަންކަން ނޫން ކަމަށްވެސް ވިދާޅުވި އެވެ.

"މިއީ އެމްޑީޕީގެ ސަރުކާރެއް. ހަމަހަމަ ވާން ޖެހޭނެ. އެންމެނާ މެދު ހަމަހަމަ އުސޫލު ބަހައްޓަން ޖެހޭނީ. ތިލަފަތުގެ ހަމަހަމަކަން ދައްކަން ޖެހޭނީ. އިންސާފުވެރި ވާނެ ޖެހޭނެ. ހަމަހަމަ ވާންޖެހޭނެ،" އިންތި ވިދާޅުވި އެވެ.

އިމްތިޔާޒް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި އެހެން އިންތިހާބުތައްވެސް އެމްޑީޕީއަށް ކާމިޔާބު ކުރެވޭނީ އެމްޑީޕީ އެކަތިގަނޑަކަށް ހަދައިގެން ކަމަށެވެ. އެކަން ކުރެވޭނެ މީހަކީ އޭނާ ކަމަށް ވިދާޅުވި އެވެ.

"ޕާޓީއަށް ގެއްލުންވަނިވި މިފަދަ ކަންކަން ކޮށްގެން 2023 އަޅުގަނޑުމެނަށް ލިބޭނީ ކިހިނަކުންތޯ. މިސުވާލު އަޅުގަނޑު އުފައްދަން މި ބޭނުން ވަނީ. އަޅުގަނޑުމެންގެ ޕާޓީ އެކަތިގަނޑަކަށް ވެގެން މެނުވީ އަޅުގަނޑުމެނަށް ހަމަ ޔަގީން އަޅުގަނޑުމެނަށް ނޯންނާނެކަން ދެން އޮންނަ ރިޔާސީ އިންތިހާބުތަކާއި އަދި އެނޫންވެސް އިންތިހާބުތައް ކާމިޔާބު ކުރެވޭކަށް. އެހެންވީމަ އަޅުގަނޑު މި ގޮވާލަނީ ހުރިހާ މީހުން ވެގެން މި ޕާޓީގެ މަސްލަހަތު ނެގެހެއްޓުމަށްޓަކައި މަސައްކަތް ކުރަން އެބަ ޖެހެއޭ. ޕާޓީއަކީ އެކަތިގަނޑެއް ގޮތުގައި އޮންނަ ޕާޓީއަކަށް ހަދަން އެބަޖެހޭ. އެކަން ކުރެވޭނެ މީހަކީ އަޅުގަނޑު،" އިންތި ވިދާޅުވި އެވެ.

އެމްޑީޕީ ބައިބައިކޮށް ޕާޓީއިން ރައީސް މުހައްމަދު ނަޝީދު ބޭރު ކުރުމަށް މަސައްކަތް ކުރާ ބަޔަކު އެމްޑީޕީގައި ތިބި ކަމަށް ރޭވެސް އިމްތިޔާޒް ވިދާޅުވިއެވެ. ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތް ޕާޓީގެ އާންމު މެމްބަރުންނާ ހިއްސާކުރުމަށް ބާއްވަން ނިންމި ގައުމީ މަޖިލީހުގެ ބައްދަލުވުންތައް ނުބޭއްވޭ ގޮތް ހެދީ ބަޔަކު ގަސްތުގައި ރާވައިގެން ކަމަށްވެސް ވިދާޅުވި އެވެ.

ގައުމީ މަޖިލީހުން އޭރު ފާސްކުރީ ހަފްތާއަކު އެއްފަހަރު އެ ބައްދަލުވުންތައް ބާއްވަން ނަމަވެސް ގައުމީ މަޖިލީހުގެ ކޯރަމް ހަމަ ނުވެގެން އެ ބައްދަލުވުންތައް ބޭއްވޭ ގޮތް ނުވީ ކަމަށާ އެއީ ގަސްތުގައި ރާވައިގެން ބަޔަކު ކުރި ކަމެއް ކަމަށެވެ. އަދި އެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ނަޝީދު ހުށަހެޅުއްވި މައްސަލަ އެމްޑީޕީގެ މެމްބަރުންތަކެއް ބައިވެރިވެގެން ބޭރުކޮށްލި ކަމަށްވެސް ވިދާޅުވިއެވެ.