އިމްތިޔާޒު ފަހުމީ

ޕާޓީއަށް އިތުބާރު ގެއްލޭތީ ކަންބޮޑުވޭ: އިންތި

Apr 24, 2022
1

އެމްޑީޕީއަށް ރައްޔިތުން ކުރާ އިތުބާރު ގެއްލޭތީ ކަންބޮޑުވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ ވިދާޅުވެއްޖެ އެވެ.

ރ. އިނގުރައިދޫގައި އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ އިމްތިޔާޒު ވިދާޅުވީ އޭނާގެ ޓީމުން ކުރާ އެންމެ މުހިއްމު މަސައްކަތަކީ އެމްޑީޕީގެ އަސާސްތަކާއި އުސޫލުތައް ދެމެހެއްޓުމުގެ މަސައްކަތް ކަމަށެވެ.

ރައްޔިތުންގެ އިތުބާރު އެމްޑީޕީއަށް ގެއްލެމުންދާ މައިގަނޑު ސަބަބަކީ ބިރު ދެއްކުމާއި ނުފޫޒުގެ ތެރެއިން މިއަދުގެ ސަރުކާރުން ކަންތައްތަކެއް ކުރަމުންދާތީ ކަމަށްވެސް ނުސީދާކޮށް ތުހުމަތު ކުރެއްވި އެވެ.

އެގޮތުން އިމްތިޔާޒު ވިދާޅުވީ ވަޒީފާގެ ބިރުދެއްކުމާއި ވަޒީރަކަށް ވޯޓު ނުދީފިނަމަ ވަކި ރަށެއް ފަޅުކުރާނެ ކަމަށް ބުނުން ކަހަލަ ބަސްތައް ބޭނުންކޮށް ނުފޫޒު ހިންގުމަކީ އެމްޑީޕީގެ ސިޔާސަތު ގަބޫލުކުރާ އެންމެންވެސް ދެކޮޅު ހަދާނެ ކަންތައްތަކެއް ކަމަށެވެ. އެއީ އެމްޑީޕީން ޕްރޮމޯޓް ކުރަން ބޭނުންވާ ސިޔާސަތުތަކެއް ނޫން ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ކަންބޮޑުވަނީ މިޕާޓީއަށް އޮތް އިތުބާރު ގެއްލޭތީ. އެހެންވެ އަޅުގަނޑުމެނަށް މިޕާޓީގެ އަސާސްތަކާއި އުސޫލުތައް ދެމެހެއްޓުން މުހިއްމު ވަނީ،" އިމްތިޔާޒް ވިދާޅުވި އެވެ.

ރައްޔިތުންގެ އިތުބާރު ގެއްލިއްޖެނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިދާނެތޯ ވެސް އިމްތިޔާޒު ސުވާލު އުފެއްދެވި އެވެ. އެފަދަ ގޮތެއް ދިމާވުމަށް ނޭދޭތީވެ އެމްޑީޕީއަށް އޮތް އިތުބާރު ހޯދަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވެވި އެވެ.

އިމްތިޔާޒު އިތުރަށް ވިދާޅުވީ އެމްޑީޕީ އަށް ކޮންމެ ގޮތެއްވި ނަމަވެސް ވަރިހަމަ ބަޔަކު އެ ޕާޓީގައި މިއަދު އެބައުޅޭ ކަމަށެވެ. އެކަމަކު އެމްޑީޕީ ދެބައިވެ ޕާޓީއަށް ގެއްލުންވާ ގޮތަށް ކަންކަން ކުރަން އެއްވެސް ފަރާތަކަށް ފުރުސަތު ނުދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު މެއި 14 ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު އެންމެ ފޯރިގަދައީ ޗެއާޕާސަންގެ މަގާމެވެ. އިމްތިޔާޒުއާ އެކު އެ މަގާމަށް ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ.