އެމްޑީޕީ

ކޮރަޕްޝަން ހުއްޓުވުމުގައި ރައީސް ސޯލިހް ފެއިލްވެއްޖެ: އިމްތިޔާޒު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކޮރަޕްޝަން ހުއްޓުވަން މަސައްކަތް ނުކުރައްވާ ކަމަށް ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ -- އެމްޑީޕީގެ ކުރީގެ ތަރުޖަމާން އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓު ބަހުސްގައި ވާހަކަދައްކަވަމުން އިމްތިޔާޒު ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅޭނީ ޒީރޯ ޓޮލެރެންސް ސިޔާސަތު ކަމަށް ރައީސް ސޯލިހް ވިދާޅުވި ނަމަވެސް އެ ސިޔާސަތުގެ ބަރުދަނަކީ "ޒީރޯ" ނުވަތަ ސުމެއް ކަމަށެވެ. ކޮރަޕްޝަން ހުއްޓުވުމުގައި ރައީސް ސޯލިހްގެ ސަރުކާރު ވަރަށް ބޮޑަށް ފެއިލްވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"އެމްއެމްޕީއާރްސީގެ 3.2 ބިލިއަނުގެ ހިޔާނާތުގެ މައްސަލަ ބެލުމުގައި ޒީރޯ. ވެންޓިލޭޓަރުގެ ބޮޑު ހިޔާނާތް، އެ މައްސަލަ ބެލުމުގައި ޒީރޯ. މަރުތަކުގެ މައްސަލައާ ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމުގައި ވެސް ޒީރޯ. ދައުރު މިއޮތް ނިމެނީ އިއްޒަތްތެރި ރައީސް،" އިމްތިޔާޒު ވިދާޅުވި އެވެ.

އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަން އުފެދިފައިވާއިރު އިމްތިޔާޒު ފަހްމީ ހުންނެވީ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ނަޝީދުއާ އެކު އެވެ.

އިމްތިޔާޒު ވަނީ އަންނަ އަހަރުގެ ބަޖެޓް ސަރުކާރުން އެކުލަވާލާފައިވާ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެން އެކަމަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ ދިވެހިންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރެވޭނެ ބަޖެޓެއް ކަމަށް ސަރުކާރުން ބުނި ނަމަވެސް އެއީ ސަރުކާރުން ބުނާ ލަފްޒުތަކަކުން ރަނގަޅު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މައްސަލަތައް ރަނގަޅު ކުރެވޭނީ ވެސް ކޮރަޕްޝަން ހުއްޓުވުމަށް ސަރުކާރުން ކުރާ މަސައްކަތްތަކެއްގެ ތެރެއިން ކަމުގައިވެސް ވިދާޅުވި އެވެ.

"ކޮރަޕްޝަން ހިންގުމުގެ ތަހުގީގެއް އެމީހެއްގެ މައްޗަށް ހިންގާފައިވާ ކަމުގެ މަޝްހޫރު މީހެއް ވެއްޖިއްޔާ ކޮންމެވެސް މަތީ މަގާމެއް އެހަރަ ދެނީ. ދައުވާ އުފުލި ތަހުގީގު ހިނގި ޝަރީއަތް ހިނގަމުން ދަނިކޮށް ބޮޑެތި މަގާމުތަކަށް އެލަނީ،" ކޮރަޕްޝަނާ ދެކޮޅަށް ވާހަކަ ދައްކަވަމުން އިމްތިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުން ތާއީދުކުރާ މެމްބަރަކަށް ވާން ބޭނުންވާނަމަ މިއަދު ޖެހެނީ ނަފްސުގެ މުއްސަނދިކަން ދަށްކޮށްލުމަށްފަހު ކޮރަޕްޝަނަށް މަރުހަބާ ކިޔަން ކަމަށެވެ. އަދި މިސަރުކާރުގައި އެމްޑީޕީގެ ބައެއް މެންބަރުން އެކަހެރިކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި މިއަދުގެ ސަރުކާރުން ވެރިކަމެއް ކުރަމުން ނުދާ ކަމަށްވެސް ވިދާޅުިވި އެވެ.

"ބައެއް މީހުން އެބަ ބުނެޔޭ ފެކްޝަންތައް ބަދަލުވަމުންދާއިރު, މާކަ ސާފު މީހެއްގެ ގޮތުގައި ހުރެގެންނެއް ނެތޭ ސިޔާސީ ކަންތަކުގައި އުޅެވޭކަށެއް. އަހުލާގީ ފެންވަރު އެބަ ދައްކޮށްލަންޖެހެޔޭ،" އިމްތިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ ތެރޭގައި ކަންތައްތައް ހުރި ގޮތުން މި ސަރުކާރަށް ތާއީދުކުރާ މެމްބަރަކަށް ވެގެން އުޅެވެން ނެތް ކަމަށާއި ދައުރު ނިމިގެން ދާއިރުވެސް ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތުގައި މިސަރުކާރަށް އެއްވެސް ކުރިއެރުމެއް ހޯދައިދެވިފައި ނުވާ ކަމަށެވެ. ކޮރަޕްޝަން ހުއްޓުވުމަށާއި ގައުމު ކުރިއަރުވަން ރައީސް ނަޝީދު ކުރެއްވި މަސައްކަތާ ގާތަށް ވެސް ރައީސް ސޯލިހުގެ ސަރުކާރުން މަސައްކަތް ނުކުރާ ކަމަށްވެސް އިމްތިޔާޒު ތުހުމަތުކުރައްވާފައިވެ އެވެ.