ރައީސް އޮފީސް

ނަޝީދަށް ދޭނެ ޖަވާބެއް ސަރުކާރަކު ނެތް

Apr 24, 2022
10

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު "ފެތެމުންދާ" ކަމަށް ވިދާޅުވެ އެމްޑީޕީން މި ސަރުކާރާ ފެއަށް ޖެހުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންނެވި މައްސަލައަށް ސަރުކާރުގެ ޖަވާބެއް ނެތެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަށް ރައީސް ނަޝީދު ފޮނުއްވި މެސެޖުގައި ވިދާޅުވީ މިވަގުތު އެމްޑީޕީއަށް ރަނގަޅު ގޮތަކީ ފެތެމުންދާ ސަރުކާރާއެކީ އެމްޑީޕީ ނުފެތުން ކަމަށެވެ.

މި ސަރުކާރަކީ އެމްޑީޕީ އެކަނި އޮވެ ހިންގާ ސަރުކާރެއް ނޫން ކަމަށް ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ މެންބަރުން އެދޭ ގޮތް އަދި އެމްޑީޕީގެ ވައުދުތައް ނުފުއްދެނީ ކޯލިޝަން ސަރުކާރަކަށް ވާތީ ކަމަށެވެ.

ރައީސް ނަޝީދުގެ މެސެޖާ ގުޅިގެން ސަރުކާރުގެ ޖަވާބަކީ ކޮބައިތޯ ދެންނެވުމުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ރައީސް ނަޝީދުގެ ވިސްނުންފުޅަށް މިވަގުތު އެއްވެސް ޖަވާބެއް ދޭން ބޭނުން ނުވާ ކަމަށެވެ.

"ޖައްސަވާ އަޅުގަނޑުމެން މިވަގުތަށް ރެސްޕޮންޑް ކުރަން ބޭނުން ނުވާ ކަމަށް،" މަބްރޫކް ވިދާޅުވި އެވެ.

ސަރުކާރާ ދެކޮޅަށް ރައީސް ނަޝީދު ދައްކަވާ ބައެއް ވާހަކަތަކަށް ސަރުކާރުން މީގެކުރިން ވެސް އިޖާބަ ދީފައެއް ނުވެ އެވެ.

ރައީސް ނަޝީދު ފަހަކަށް އައިސް ގެންދަވަނީ ސަރުކާރުގެ ސިޔާސަތުތަކަށާއި ސަރުކާރަށް ތާއީދުކުރާ މަޖިލީހުގެ ބައެއް މެންބަރުންނަށް ވެސް ފާޑު ވިދާޅުވެ ވާހަކަދައްކަވަމުންނެވެ. އެގޮތުން ދެކުނުގެ މަސްވެރިކަން ރަނގަޅުވެ، މަސްވެރިން ބާނާ ހުރިހާ މަހެއް މިފްކޯ އަށް ވަގުތުން ވަގުތަށް ގަނެވޭ ގޮތް ނުވުމުން އެކަމަށްވެސް ނަޝީދު ފާޑު ވިދާޅުވި އެވެ.

މަސްވެރިން ބާނާ މަހަށް ހަދާނެ ގޮތް ނުވިސްނިގެން ނޫޅޭ ކަމަށާއި ސަރުކާރުން އެގޮތް ނުހަދަނީ ކަމަށް ވިދާޅުވެ ނަޝީދު މިފަހުން ވަނީ ޓްވީޓެއް ވެސް ކުރައްވާފަ އެވެ. ޓްވީޓް ކުރެއްވެވީ ވެސް މަސްވެރިން ބާނާ މަސް ގަތުމުގެ މައްސަލައިގައި އަންހެނަކު ނުރުހުންވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާ ވީޑިއޯއަކާ ވެސް އެކުގަ އެވެ.

މީގެއިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕްގައި ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ނަޒަރުގައި އެމްޑީޕީއަށް ރައްޔިތުންގެ ވޯޓްގެ 50 ޕަސެންޓް ހޯދުންވެސް ދެން ވަރަށް އުނދަގޫ ވާނެ ކަމަށް ވިދާޅުވެފަ އެވެ. އެ މިންވަރަށް ތާއީދު ހޯދޭވަރަށް ވުރެ މާގިނަ ގޯސްތައް ސަރުކާރުން ހަދާފައިވާ ކަމަށްވެސް ތުހުމަތުކުރެއްވެވި އެވެ. އަދި މިއަހަރަކީ ދައުލަތުން ދަރަނީގެ ގޮތުގައި އެންމެ ބޮޑު ހަރަދެއް ކުރަންޖެހޭ އަހަރު ކަމަށްވީ ނަމަވެސް ސަރުކާރުން އެކަމަށް އެއްވެސް ވަރެއްގެ ސަމާލުކަމެއް ނުދޭ ކަމަށެވެ. އޭގެބަދަލުގައި ފެނިގެންދަނީ އަމިއްލަ މަސައްކަތްތައް ހިތުހުރި ގޮތަކަށް ކުރަމުންދާ ތަން ކަމުގައިވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.