ޖޭއެސްސީ

މެޖިސްޓްރޭޓް ހަދީޖާގެ ސުލޫކީ މައްސަލަ ސާބިތެއް ނުވި

Apr 25, 2022

ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ހަދީޖާ ލީނާގެ ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް ނިންމައިފި އެވެ.

ހަދީޖާ ލީނާގެ ސުލޫކީ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅީ މީގެ ތިން އަހަރު ކުރިން އޮކްޓޫބަރު 9، 2019 ގައެވެ.

ޖޭއެސްސީން ބުނީ އެ ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއާ ގުޅިގެން އޮކްޓޫބަރު 9، 2019 ގައި ސުލޫކީ މައްސަލަ ތަހުގީގު ކުރުމަށް ނޯޓިސްދީފައިވާނެ ކަމަށެވެ.

އޭގެފަހުން އެ މައްސަލަ ތަހުގީގުކޮށް މައްސަލަ ސާބިތުނުވާ ކަމަށް މިމަހުގެ 17 ވަނަ ދުވަހު ކޮމިޝަނުން ނިންމާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

ހަދީޖާ ލީނާއާ ގުޅޭގޮތުން ޖޭއެސްސީ އަށް ހުށަހެޅި ސުލޫކީ މައްސަލައާއި ގުޅޭ އެއްވެސް މައުލޫމާތެއް ކޮމިޝަނުން ހާމަކޮށްފައެއް ނުވެ އެވެ.

ހަދީޖާ ލީނާ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރެއްވީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.