ހަބަރު

ދެ މެޖިސްޓްރޭޓެއްގެ މައްސަލަ ބަލަނީ

ފުވައްމުލަކާއި ސ. މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ.

ޖޭއެސްސީ އިން ބުނީ ފުވައްމުލަކު މެޖިސްޓްރޭޓް އަހުމަދު އަކުރަމާއި މީދޫ މެޖިސްޓްރޭޓް މުހައްމަދު ތޮއްޔިބާއި ގުޅޭގޮތުގުން ހުށަހަޅާފައިވާ ސުލޫކީ މައްސަލަތއް ތަހުގީގު ކުރުމަށް، އެ ކޮމިޝަނުން ތަހުގީގު ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.

އެގޮތުން އަކުރަމާއި ގުޅޭގޮތުން އެކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައަކީ އޭނާ ހުކުމް ކުރެއްވި މައްސަލައެއްގައި، ޝަރީއަތް ނިމުނު ގޮތުގެ ހުލާސާ ރިޕޯޓު ދޫކުރި ފަހުން، އެ ރިޕޯޓަށް އުނި އިރތުރު ގެނެސް ބައެއް ނުކުތާތަކަށް ބަދަލު ގެނައި މައްސަލައެއް ކަމަށް ޖޭއެސްސީއިން ވަނީ ބުނެފަ އެވެ. އަދި ތޮއްޔިބާއި ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައަކީ މީދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އެކޯޓަށް ގެންދިޔުމުން، އެކަމަށް ގޮތެއް ނިންމެވުމުގައި އޭނާ ގާނޫނާއި ހިލާފަށް އަމަލު ކުރުމުން ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މީގެ ކުރިން ޖޭއެސްސީ އިން ވަނީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުލްހާ އަލީ އާއި ގުޅޭގޮތުން ގިނަ މައްސަލަތަކެއް އެ ކޮމިޝަނަށް ހުށަހަޅާފައިވުމުން ތަހްގީގު ނިމެންދެން އޭނާ 60 ދުވަހަށް ސަސްޕެންޑް ކޮށްފަ އެވެ.

މުލްހާއާ ގުޅޭގޮތުން ހަތަރު މައްސަލައެއް ބަލަން ޖޭއެސްސީން ވަނީ ނިންމައިފަ އެވެ. ފުރަތަަމަ މައްސަލަ އަކީ ކޯޓުގައި ހިނގާ މައްސަލަތަކުގައި ޝާމިލުވާ އެކި ފަރާތްތަކާމެދު ފަނޑިޔާރަކު ބާއްވައިގެން ނުވާނެ ގުޅުން ބާއްވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެވެ.

ދެވަނަ މައްސަލަ އަކީ ޖިންސީ ގޯނާގެ މައްސަލައެއްގައި އެހެން މެޖިސްޓްރޭޓަކު ބަންދު ޖަހާފައިވަނިކޮށް އެ ބަންދު އަމުރު މުރާޖާކޮށް ގޮތެއް ނިންމި ކަމަށް ބުނާ މައްސަލައެވެ.

މުލްހާ އާ ގުޅޭގޮތުން ބަލާ އަނެއް ދެ މައްސަލަ އަކީ އޭނާގެ އާއިލީ ވިޔަފާރީގައި އަމަލީގޮތުން ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި ފުލުހުން ހިންގި ތަހުގީގެއްގައި ހެކި ނައްތާލުމަށް މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެކެވެ.