އޭސީސީ

އޭސީސީން މިދިޔަ އަހަރު ނިންމީ 588 މައްސަލަ

Apr 26, 2022

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިިދިޔަ އަހަރު 588 މައްސަލަ ތަހުގީގުކޮށް ނިންމައިފި އެވެ.

އޭސީސީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެ ކޮމިޝަނަށް މިދިޔަ އަހަރު ޖުމްލަ ހުށަހެޅީ 782 މައްސަލަ އެވެ.

އޭސީސީން މިދިޔަ އަހަރު 588 މައްސަލަ ނިންމި ނަމަވެސް އެއީ 2020 ވަނަ އަހަރު އެ ކޮމިޝަނުން ނިންމި މައްސަލަތަކަށް ވުރެ 38 ޕަސަންޓް ދަށް އަދަދެކެވެ. އޭސީސީން 2020 ވަނަ އަހަރު ވަނީ 961 މައްސަލަ ނިންމާފަ އެވެ.

ތަހުގީގުތަކަށްފަހު އޭސީސީން މިދިޔަ އަހަރު ވަނީ 2.1 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ކަމާ ގުޅޭ އެކި އިދާރާތަކަށް އަންގާފަ އެވެ.

ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އިދާރާތަކުގައި ހުންނަ މައްސަލަތައް އިސްލާހުކުރަން އެންގުމަކީ އޭސީސީން ކުރާ ކަމެކެވެ. އެގޮތުން އެފަދަ އެންގުންތަކުގެ ގޮތުގައި މިދިޔަ އަހަރު 341 އެންގުމެއް އެންގި އެވެ.

އޭސީސީން މިދިޔަ އަހަރު އެ ކޮމިޝަންގެ އަމިއްލަ އިސްނެގުމަށް 24 މައްސަލައެއް ބަލަން ނިންމި އެެވެ.

އޭސީސީ އަށް މިދިޔަ އަހަރު ހުށަހެޅީ 782 މައްސަލަ ކަމަށްވީ ނަމަވެސް ކުރީގެ ބައެއް މައްސަލަތަކާ އެކު މިދިޔަ އަހަރު ޖުމްލަ 806 މައްސަލަ ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވެ އެވެ.

ކޮރަޕްޝަންގެ އަމަލުތަކަށް އާންމުން ހޭލުންތެރިކުރުވުމަށް މިދިޔަ އަހަރު 51 ބައްދަލުވުމެއް ބާއްވާ 1،775 މީހަކަށް އޭސީސީން މައުލޫމާތު ދީފައިވެ އެވެ.