ޖޭއެސްސީ

ޖޭއެސްސީއަށް ހައިކޯޓުން ފަނޑިޔާރު ނިޔާޒު

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރު ކަމަށް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒް އިންތިހާބުކޮށްފި އެވެ.

ހައިކޯޓުން ރޭ ބުނީ ގާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ޖޭއެސްސީއަށް ފަނޑިޔާރު ނިޔާޒު އިންތިހާބު ކޮށްފައިވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަމަށެވެ.

މި މަގާމަށް ފަނޑިޔާރު ނިޔާޒު އިންތިހާބުކުރީ އެ މަގާމުގައި ކުރިން ހުންނެވި ފަނޑިޔާރު އަލީ ސަމީރު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ފަނޑިޔާރު ނިޔާޒަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވަމުން ގެންދަވަނީ 2018 ވަނަ އަހަރުން ފެށިގެންނެވެ.

ފަނޑިޔާރު ނިޔާޒު މީގެ ކުރިން ފުރުއްވި މަގާމްތަކުގެ ތެރޭގައި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމާއި، ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓްކަން ކަމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ލީގަލް އެސިސްޓެންޓްކަން ހިމެނެ އެވެ.

ޖޭއެސްސީގެ މެމްބަރުންގެ ގޮތުގައި ތިއްބަވަނީ 10 މެމްބަރުންނެވެ.