ނަޝީދުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅީ އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި އެމަނިކުފާނުގެ މައްސަލަ ބަލާ ހުޅުމާލޭ ކޯޓުގެ ބެންޗު ސައްހަ ނޫން ކަމަށް ވިދާޅުވެ އެވެ. ނަޝީދުގެ އެ ދައުވާގައިވާ ގޮތުން އެ ބެންޗް ކަނޑައެޅީ ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން ކަމަށް ވާތީ އެ ބެންޗް ސައްހަ ނޫން ކަމަށެވެ.
އެ މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ މެއި، 2013 ގަ އެވެ. އޭގެފަހުން މިއަދާ ހަމައަށް ވެސް އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައެއް ނުވެއެވެ. އެ މައްސަލަ ހައި ކޯޓުން ބަލަމުން ދަނިކޮށް ހައި ކޯޓުން އެ މައްސަލަ ބަލާ ބެންޗުގައި ހިމެނޭ ފަނޑިޔާރަކު ޖޭއެސްސީން ސަސްޕެންޑް ކުރުމުން އެ ޝަރީއަތް ވަނީ މަޑުޖެހިފަ އެވެ. ހައި ކޯޓުން މިހާރު ވަނީ އެ ފަނޑިޔާރުގެ ބަދަލުގައި އެހެން ފަނޑިޔާރަކު އެ ބެންޗަށް އައްޔަންކޮށްފަ އެވެ.
ހުޅުމާލޭ ކޯޓުގައި ނަޝީދުގެ އަސްލު ޝަރީއަތް ހުއްޓިފައި އޮތީ ވެސް ހައި ކޯޓުން އެ މައްސަލަ ބަލަމުންދާތީ އެ ކޯޓުން ނެރެފައިވާ އަމުރަކާ ގުޅިގެންނެވެ. އެ މައްސަލަ ހައި ކޯޓުން ބަލަމުން ދަނިކޮށް ހުޅުމާލޭ ކޯޓުގެ ބެންޗުގައި ހިމެނޭ ދެ ފަނޑިޔާރަކު މާލޭގެ ދެ ކޯޓަކަށް ހަމަޖެއްސުމާ އެކު އެ ބެންޗް މިހާރު ވަނީ އުވިފަ އެވެ.