ދިރާގު

ދިރާގުން ލޯފަން މީހުންގެ ހައްގުތައް ހިމާޔަތް ކުރާ ޖަމިއްޔާއަށް ލުއިތަކެއް

Apr 28, 2022

ދިރާގުން ލޯފަން މީހުންގެ ހައްގުތައް ހިމާޔަތް ކުރާ، ބްލައިޑް އެންޑް ވިޝުއަލް އިންޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) އަށް ލުއި ފަސޭހަތަކެއް ދީފި އެވެ.

ހިލޭ ސާބަހަށް މަސައްކަތް ކުރާ ގިނަ ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ދިރާގުން ބުނީ ބީވީއައިއެސްއެމް އިން އަންނަ މަހު ގުރުއާން މުބާރަތާއި ދީނީ އަދި ތަފާތު ތަމްރީން ޕްރޮގްރާމްތައް ހިންގަން ނިންމާފައިވާ ކަމަށެވެ. އެހެންވެ އެ ޖަމިއްޔާއަށް އެހީވުމުގެ ގޮތުން ދިރާގުން ހިލޭ މޮބައިލް ޑޭޓާ ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ދިރާގުން ވަނީ ބީވީއައިއެސްއެމް އަށް ހާއްސަ ޑިޖިޓަލް މުއާސަލާތީ ހިދުމަތެއް ކަމަށްވާ "ފޯން މީޓިން 130" އައުކޮށް ފޯރުކޮށްދޭންވެސް ނިންމާފަ އެވެ. މި ހިދުމަތަކީ ދިރާގުން އެ ޖަމިއްޔާއަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ހިދުމަތެކެވެ.

"އެހެން ޖަމިއްޔާތައް ބާއްވަން ކުރިމަތި ނުވާ ގިނަ ގޮންޖެހުންތައް ވަނީ ބީވީއައިއެސްއެމް އަށް ކުރިމަތިވެފަ އެވެ. ޖަލްސާތައް ބާއްވަން ނުވަތަ މީޓިން ބާއްވަން ފަސޭހަ ކަމަކަށް ނުވެ އެވެ. ދިރާގުން މި ހިދުމަތް ހިލޭ ފޯރުކޮށް ދިނުމުން ފަސޭހަކަމާއެކު ޖަމިއްޔާ ހިންގުމުގެ ކަންކަމުގައި ބޭނުން ކުރެވޭނެ އެވެ. އަދި މި ހިދުމަތް މެދުވެރިކޮށް އެ ޖަމިއްޔާގެ ހުރިހާ މެންބަރުންނަށް ޖަލްސާތައް ބޭއްވޭނެ އެވެ،" ދިރާގުން ބުނެފައިވެ އެވެ.

ދިރާގުން ފޯރުކޮށް ދިން މި ހިދުމަތް މެދުވެރިކޮށް މަދަހަ މުބާރާތާއި ގުރުއާން މުބާރާތް އަދި ދީނީ ނަސޭހަތް ދިނުން ފަދަ ޕްރޮގްރާމްތައް ހިންގޭނެ އެވެ. އަދި މި ހިދުމަތްތަކުގެ ސަބަބުން ލޯފަން މީހުންގެ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތައް ބާރުވެރި ވެގެންދާނެ އެވެ.