އެލްޖީއޭ

އަންހެނުންގެ ކޮމިޓީއަށް ރޯދަ އެލަވަންސް ދޭން ގާނޫނަށް އިސްލާހު ހުށަހަޅަނީ

Apr 28, 2022
1

ލާމަރުކަޒީ ގާނޫނުގެ ދަށުން އިންތިހާބުކޮށްފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ލިބޭނެ ގޮތް ހަމަޖެއްސުމަށްޓަކައި ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމައިފި އެވެ.


އެލްޖީއޭގެ ބޯޑަށް މިމައްސަލަ ހުށަހެޅުއްވީ އަތޮޅު ކައުންސިލަރުން ތަމްސީލް ކުރެއްވުމަށް ބޯޑަށް އިންތިހާބުކޮށްފައިވާ އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ މެންބަރު އަދި ކ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލް އެވެ.

ބޯޑުން މިމައްސަލަ ފާސްވީ ފާސްވީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

އެލްޖީއޭގެ ނިންމުމަށް މަރުހަބާ ދަންނަވަމުން ނިމާލް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ލިބޭނެ ގޮތް ހަމަޖެއްސުމަށްޓަކައި ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

"އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެމްބަރުންނަށް ރަމަޟާން މަހުގެ އިނާޔަތު ފައިސާ ހޯދައި ދިނުމަށް އަޅުގަނޑު ހުށަހެޅި މައްސަލަ މިއަދު ބޯޑުގައި އެޖެންޑާ ކުރެވި، މަޝްވަރާ ކުރެވުނު. މިކަމުގައި ޓަކި ޖެހި ފުރަތަމަ ދޮރު ހުޅުވިގެން މިދިޔައީ އަންހެނުންގެ ކޮމެޓީތަކަށް އުންމީދު ގެނެދީފަ. އެހައްޤު ހޯދައި ދިނުމަށް އަޅުގަނޑު ހުންނާނަން." ނިމާލް ވިދާޅުވި އެވެ.

އަވަސް އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި ނިމާލް ވިދާޅުވީ އަންހެނުން ބާރުވެރި ކުރުވުމަށް ސަރުކާރުން މަސައްކަތް ކުރާ ނަމަ އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ދޭނެ ކަމަށެވެ. ވަޒީފާ އަދާކުރާ ހުރިހާ މުސްލިމު މުވައްޒަފުންނަށް ރޯދަ އިނާޔަތް ދިނުމަށް ގާނޫނު ލާޒިމުކުރާއިރު އަންހެނުންގެ ކޮމިޓީގެ މެންބަރުން އެ އެލަވަންސުން މަހްރޫމްކުރާތީ ހިތާމަކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

ރޯދަ އެލަވަންސްގެ ގޮތުގައި ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް 3،000 ރުފިޔާ ދޭން ޖެހެ އެވެ.