ރޯދަ އިނާޔަތް

ޑަބުލިޔުޑީސީ މެންބަރުންނަށް ރޯދަ އިނާޔަތް ނުދޭތީ އެލްޖީއޭއަށް

Mar 31, 2022

ލާމަރުކަޒީ ގާނޫނުގެ ދަށުން އިންތިހާބުކޮށްފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ނުލިބޭ މައްސަލަ ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅައިފި އެވެ.

މިމައްސަލަ އެލްޖީއޭއަށް ހުށަހެޅުއްވީ އެ އޮތޯރިޓީގެ ބޯޑުގައި އަތޮޅު ކައުންސިލްތައް ތަމްސީލް ކުރައްވާ ކ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލެވެ.

ނިމާލް މިއަދު ވިދާޅުވީ އޭނާ ހުށަހެޅުއްވި މައްސަލަ އަށް އަވަސް ހައްލެއް ހޯދައިދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އެލަވަންސް ނުދެނީ އެއީ ކޮމިޓީ ތަކެއްގެ މެންބަރުންނަށް ވާތީ ކަމަށް ސަރުކާރުގެ ބައެއް އޮފިޝަލުން ވިދާޅުވާ ކަމަށްވެސް ނިމާލް ވިދާޅުވި އެެވެ.

"އެބޭފުޅުން މި ވިދާޅުވަނީ އެއީ ދައުލަތުގެ ޕޭރޯލްގައި މުސާރައެއްގެ ބަދަލުގައި މިހާރު ވެސް ކޮންމެ މަހަކު އެލަވަންސެއް ލިބޭ އަދި ކޮމިޓީއެއްގައި ތަމްސީލް ކުރާ ބައެއް ކަމަށް. އެހެންވެ ރޯދަ އިނާޔަތަށް ޝަރުތު ހަމަ ނުވަނީ ކަމަށް. އަޅުގަނޑު މިދަންނަވަނީ އިސްލާހުކޮށްގެން ވެސް އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އެލަވަންސް ދޭން ހިނގާށޭ،" ނިމާލް ވިދާޅުވި އެވެ.

އިދިކޮޅު ޕީޕީއެމް / ޕީއެންސީ އަށް ނިސްބަތްވާ ނިމާލް ވިދާޅުވީ އަންހެނުން ބާރުވެރި ކުރުވުމަށް ސަރުކާރުން މަސައްކަތް ކުރާ ނަމަ އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ދޭނެ ކަމަށެވެ. ވަޒީފާ އަދާކުރާ ހުރިހާ މުސްލިމު މުވައްޒަފުންނަށް ރޯދަ އިނާޔަތް ދިނުމަށް ގާނޫނު ލާޒިމުކުރާއިރު އަންހެނުންގެ ކޮމިޓީގެ މެންބަރުން އެ އެލަވަންސުން މަހްރޫމްކުރާތީ ހިތާމަކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ ހޯމަ ދުވަހު ރޯދަ އިނާޔަތް ދީ ނިންމަން ދައުލަތުގެ އިދާރާތަކަށް ހަނދާންކޮށްދީފަ އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ރޯދަ އިނާޔް ނުލިބޭ ބައެއް މުވައްޒަފުން އެބަތިއްބެ އެވެ.

ރޯދަ އެލަވަންސްގެ ގޮތުގައި ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް 3،000 ރުފިޔާ ދޭން ޖެހެ އެވެ.