އެލްޖީއޭ

ބްލޮކް ގްރާންޓް އަވަހަށް ޖަމާކުރަން އެދިއްޖެ

ދައުލަތުގެ ބަޖެޓުން ލޯކަލް ކައުންސިލްތަކަށް ދޭން ނިންމާފައިވާ މާލީ އެހީ ނުވަތަ ބްލޮކް ގްރާންޓް ވީހާވެސް އަވަހަށް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ފިނޭންސް މިނިސްޓްރީގައި އެދިއްޖެ އެވެ.

އެލްޖީއޭގެ ޑިރެކްޓާ ޖެނަރަލް އާދަމް ޝަރީފް ސޮއިކުރައްވާ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގަށް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ ބްލޮކް ގްރާންޓް ޖަމާކުރުން ލަސްވާތީ ގިނަ ކައުންސިލްތަކަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.

މިދިޔަ އާދިއްތަ ދުވަހު ފޮނުވާފައިވާ ސިޓީގައި ވަނީ ބްލޮކް ގްރާންޓް ލިބުން ލަސްވާނަމަ އެކަން އެހެން ދިމާވާ ސަބަބު އެލްޖީއޭ އާއި ކައުންސިލްތަކަށް އެނގޭނެ ގޮތެއް ހަދައިދިނުމަށްވެސް އެދިފަ އެވެ. ކައުންސިލްތަކުން ފިނޭންސް މިނިސްޓްރީއަށް ގުޅަން ދަތިވާތީ އެކަމުގެ ކަންބޮޑުވުންވެސް ކައުންސިލްތަކުން ލިބެމުންދާ ކަމަށްވެސް ސިޓީގައިވެ އެވެ.

"ބްލޮކް ގްރާންޓު ދޫކުރުން ލަސްވެއްޖެނަމަ މުވައްޒަފުންގެ މުސާރަ މަސް ނިމޭއިރު ޖަމާނުވުމުގެ ސަބަބުން ގިނަ މުވައްޒަފުންގެ ނުރުހުން ކައުންސިލަށް އަމާޒުވަމުންދާ ކަން ކައުންސިލްތަކުން ދަނީ ފާހަގަކުރަމުންނެވެ،" ސިޓީގައިވެ އެވެ.

ދައުލަތުގެ ބަޖެޓުން ބްލޮކް ގްރާންޓްގެ ގޮތުގައި ލޯކަލް ކައުންސިލްތަކަށް ފައިސާ ދޭން ނިންމީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 2020 ވަނަ އަހަރު އެވެ.

ބްލޮކް ގްރާންޓް ޖަމާވުން ލަސްވާތީ ކަންބޮޑުވުން ފާޅުކުރެއްވި ބައެއް ކައުންސިލަރުން ވިދާޅުވި ގޮތުގައި މި އެހީ އަކީ މީގެކުރިން ކޮންމެ މަހަކުވެސް ހިނގަމުންދާ މަހުގެ 20 ވަނަ ދުވަހުގެ ކުރިން ޖަމާވާ ފައިސާ އެކެވެ. ނަމަވެސް މިހާރު އެއް މަސް ނިމި އަނެއް މަހަށް ދާއިރުވެސް ބްލޮކް ގްރާންޓް ޖަމާނުވާ ކަމަށް ބައެއް ކައުންސިލަރުން ވިދާޅުވެ އެވެ.