ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި ބައެއް ލޯކަލް ކައުންސިލްތަކުން ބަޔާން ނެރެމުންދާތީ އެގޮތަށް އަމަލުނުކުރުމަށް އަންގަވައި، ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކައުންސިލްތަކަށް ފޮނުއްވި ސިޓީއެއް މައްސަލަ ހޫނުވެއްޖެ އެވެ.
ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުމާ ގުޅިގެން އެއީ "ހަރާމް ހުކުމެއް" ކަމުގައި ބުނެ، އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ކައުންސިލްތަކުން ދަނީ ބަޔާން ނެރެމުންނެވެ.
ކައުންސިލްތަކަށް އިމްރާން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ޝަރުއީ ކޯޓުތަކުން ނިންމާ ނިންމުންތަކާއި ކޯޓުތަކުން ކުރާ ޝަރުއީ ހުކުމްތަކަކީ ލޯކަލް ކައުންސިލުތަކުން އެއަށް ބޯލަނބާ ކިޔަމަންގަތުން ލާޒިމު ނިންމުންތަކެއް ކަމަށެވެ. އަދި މިފަދަ ހުކުމްތަކާއި ދެކޮޅު ހަދައި ބަޔާން ނެރުމަކީ ކައުންސިލްތަކަށް ލިބިދީފައިވާ ބާރެއް ނޫން ކަންވެސް ސިޓީގައި ހަނދާންކޮށްދީފައިވެ އެވެ.
އަދި ކައުންސިލުތަކުގެ ނިންމުންތަކާއި ގަރާރުތައް ވާންވާނީ ކައުންސިލަށް މަތިކޮށްފައިވާ ހިދުމަތްތަކާއި ގުޅިގެން ކައުންސިލުގެ ރަސްމީ ބައްދަލުވުމަކުން ފާސްކުރެވިގެން ނެރޭ އެއްޗިއްސަށް ކަމުގައި ވެސް މި ސިޓީގައި ބުނެފައިވެއެވެ.
ސިޓީގެ މައްސަލައިގައި އަވަސް އަށް މައުލޫމާތު ދެއްވަމުން ކ. އަތޮޅު ކައުންސިލްގެ ރައީސް އަދި އެލްޖީއޭގެ ބޯޑް މެމްބަރު މުހައްމަދު ނިމާލު ވިދާޅުވީ އެލްޖީއޭގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސޮއި ކުރައްވާ ކައުންސިލްތަކަށް ސިޓީ ފޮނުވާފައިވަނީ ބޯޑުގެ މެމްބަރުންނާ އެއްވެސް ވަރަކަށް މަޝްވަރާ ކުރެއްވުމެއްނެތި ކަމަށެވެ.
އެލްޖީއޭގެ ބޯޑު މެންބަރުން ތިއްބަވާ ވައިބާ ގުރޫޕްގައި އެ މައްސަލަ ފެންމަތިކުރުމުން އެކަމާ ހިތްހަމަޖެހިވަޑައިނުގެން މިނިސްޓަރު އިމްރާން ވަނީ ވައިބާ ގުރޫޕުން ނިކުމެވަޑައިގެންފަ އެވެ.
"އަޅުގަނޑުމެން ބޯޑުގެ އެއްވެސް މެމްބަރަކާ އެ ސިޓީއާ ގުޅޭ އެއްވެސް ވާހަކައެއް އެލްޖީއޭއިން ހިއްސާކޮށްފައެއް ނުވޭ. ދެން އަޅުގަނޑުމެން އެ ވާހަކަ ދެއްކީމަ އެލްޖީއޭގެ ރައީސް ގުރޫޕުން ނިކުމެވަޑައިގަތީ. ތަނެއްގެ ވެރިޔަކަށް މިފަދަ ކަންކަމާ ފޭސް ކުރެވެން ޖެހޭނެ ނޫންތޯ؟" ނިމާލް ވިދާޅުވި އެވެ.
ނިމާލް އިތުރަށް ވިދާޅުވީ ރަށު ކައުންސިލުތަކުން ފާޅުކުރަނީ އެ ރަށެއްގެ ރައްޔިތުންގެ ހިޔާލާއި ފިކުރު ކަމަށެވެ. އަދި ހިޔާލުފާޅުކުރުމުގެ ފުރިހަމަ މިނަވަންކަން ކައުންސިލުތަކައް އޮންނަން ޖެހޭނެކަން ވެސް ފާހަގަކުރެއްވި އެވެ.
"އެ ބައެއްގެ ސިޔާސީ ފިކުރު ހާމަކުރުމުގެ މިނިވަންކަން ދޭން ބޭނުންނުވާ ނަމަ ކީއްކުރަންތޯ އިންތިހާބުކޮށްގެން ބަޔަކު ހޮވަނީ މިފަދަ މަގާމުތަކަށް. ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަން ވާނެ،" ނިމާލް ވިދާޅުވި އެވެ.
މީގެ އިތުރުން އެލްޖީއޭ އިން ކައުންސިލުތަކަށް ފޮނުވި ސިޓީއަކީ ސިޔާސީ ސިޓީއެއް ކަމަށާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރާ އެފަދަ އަމަލުތަކަށް ބޯ ނުލަބާނެ ކަމަށްވެސް ނިމާލް ވިދާޅުވި އެވެ. ނަމަވެސް، ކައުންސިލުތަކުން ރައީސް ޔާމީނު ޕްރޮމޯޓްކުރާ އެއްވެސް މައްސަލައެއް އެލްޖީއޭ އިން ނުބަލާ ކަމަށް އެލްޖީއޭގެ ސީއީއޯ ފާތިމަތް އަފްޝަން ލަތީފް ވަނީ މީގެ ކުރިން އަވަސް އަށް ވިދާޅުވެފަ އެވެ.
ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. ގާޒީ ހުކުމް ކުރީ މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ހަތް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށެވެ. އަދި ރިޝްވަތުގެ ކުށުގައި ހަތަރު އަހަރަށް ޖަލަށްލުމަށެެވެ. މި ދެ ހުކުމާ އެކު ޖުމްލަ 11 އަހަރުގެ ޖަލު ހުކުމެއް ޔާމީން ތަންފީޒު ކުރަން ޖެހިވަޑައިގަންނަވާނެ އެެވެ.