ފައްޔާޒް އިސްމާއީލް

އެމްޑީޕީގެ ނިންމުންތައް އުސޫލާ ހިލާފް: ފައްޔާޒްގެ ޓީމް

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް (ފައްޔަ) ގެ ކެންޕެއިން ޓީމުން އިންތިހާބަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށް ހުށައެޅި މައްސަލަތައް ބެލުމަށް ފަހު ނަހަމަ ނުފޫޒު ފޯރުވާ ދައުލަތުގެ މުދަލާއި ވަސީލަތް ނަހަމަ ގޮތުގައި ބޭނުން ކުރާ ކަމަށް އެމްޑީޕީގެ ކަމާގުޅޭ ކޮމެޓީން ނިންމާފައިވާ ނިންމުން އިސްތިއުނާފު ކުރުމަށް ފައްޔާޒްގެ ކެމްޕެއިން ޓީމުން ނިންމައިފި އެވެ.

ފައްޔާޒްގެ "ހިންގާލަން" ކެމްޕެއިން ޓީމުން މިއަދު ބުނީ ފައްޔާޒް އިސްމާއީލްއާ ގުޅޭގޮތުން ނިންމާފައިވާ ނިންމުންތަކަކީ އެމްޑީޕީން އާއްމުކޮށްފައިވާ ގަވާއިދުތަކާއި އަމަލު ކުރަމުންދާ އުސޫލުތަކާވެސް ހިލާފު ނިންމުންތަކެއް ކަމަށެވެ. އަދި އެ ނިންމުންތައް ނިންމާފައިވާ ކޮމެޓީއަކީ އެމްޑީޕީގެ އިންތިހާބާ ބެހޭ ގަވާއިދުގެ 46 ވަނަ މާއްދާގައި ބަޔާންކުރާ "އިންތިހާބުތަކާ ގުޅިގެން ހުށައެޅޭ މައްސަލަތައް ބެލުމަށް އިންތިހާބާ ބެހޭ ކޮމެޓީގެ މެންބަރަކު ހިމެނޭ ގޮތަށް ތިން މެންބަރުންގެ ކޮމެޓީއެއް އިންތިހާބަށް ކުރިމަތިލުމަށް އިއުލާނު ކުރުމާއެކު އިންތިހާބާ ބެހޭ ކޮމެޓީން އުފައްދަންވާނެ" ކަމަށް ބުނާ މާއްދާއާ ހިލާފަށް އެކުލަވާލާފައިވާ ކޮމެޓީއެއް ކަމަށެވެ.

އަދި ކޮމެޓީން މައްސަލަތައް ބަލާފައިވަނީ އިންތިހާބާބެހޭ ގަވާއިދުގެ 46 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ "ކޮމްޕްލެއިންޓްސް ކޮމިޓީއަށް މައްސަލައެއް ހުށަހެޅިއްޖެނަމަ ގިނަވެގެން 48 ގަޑިއިރު ތެރޭގައި އެމައްސަލަ ބަލައި އެމައްސަލައަކާމެދު ގޮތެއް ނިންމައި މައްސަލަހުށައެޅި ފަރާތަށް އަންގަންވާނެ" ކަމަށް ބުނާ މާއްދާ އާއި ހިލާފަށްކަންވެސް ބުނެފައިވެއެވެ.

"އެމްޑީޕީއަކީ އަމަލު ކުރަން ޖެހޭ ގަވައިދުތައް ވަރަށް ސަރީހަކޮށް ލިޔެ އާއްމުކުރެވިފައިވާ ޕާޓީއެކެވެ. އެހެންކަމުން މި ދެންނެވި ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް އެކުލަވާލެވިފައިވާ ކޮމެޓީއަކުން މި ކެމްޕެއިންގެ ކެނޑިޑޭޓުގެ ހައްގުތަކެއް ގެއްލޭ އަދި ވާދަވެރި ކެނޑިޑޭޓަށް ފަހިވާ ގޮތަށް ނިންމާފައިވާ ނިންމުންތައް މި ކެމްޕެއިނުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އަދި އެ ނިންމުންތައް ބަލައި ނުގަންނަވާހަކަ ދަންނަވަމެވެ،"

އެ ބަޔާނުގައި ބުނެފައިވަނީ ފައްޔާޒުގެ ކެމްޕެއިން ޓީމުން ގަބޫލު ކުރާ ގޮތުގައި ކޮމެޓީއަށް ހުށަހެޅިގެން ބަލާފައިވާ ޝަކުވާތަކަކީ އިންތިހާބާގުޅޭ ޝަކުވާތަކެއް ނޫން ކަމަށެވެ. އަދި އެމްޑީޕީގެ ގުނަންތަކުން މި އިންތިހާބަށް ނުފޫޒު ފޯރުވާ އިންތިހާބުގެ ކަންކަމުގައި ވަކި ފަރާތަކަށް ފަހިވާ ގޮތަށް ހިންގާކަން ހާމަވާ ކަމަށެވެ.

"މި ކެމްޕެއިންގެ ފަރާތުން ޕާޓީގެ ގަވައިދުތަކާއި އުސޫލުތަކާއި ހިލާފަށް ނިންމާފައިވާ ނިންމުންތައް އިސްތިއުނާފަށް ހުށަހަޅާނެ ވާހަކަ ދެންނެވީމެވެ،"

އިމްތިޔާޒްގެ ކެމްޕެއިން ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އިންތިގެ ކެމްޕެއިން ތަރުޖަމާން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ އިންތިހާބާ ދިމާކޮށް އެމްޑީޕީގެ މެންބަރުންނަށް ވަޒީފާގެ ބިރުދައްކާ ކަމަށާ ނަހަމަ ނުފޫޒު ފޯރުވާ ކަމަށް ބުނުމުން އެކަން ވާދަވެރި ކެންޑިޑޭޓްގެ ކެމްޕެއިނުން ދޮގުކޮށްފައިވާ ކަމަށެވެ.

އަދި އެ ޝަކުވާތައް އެމްޑީޕީގެ ކަމާގުޅޭ ކޮމެޓީތަކަށް ހުށައެޅުމުް އޭގެ ތެރެއިން ހަތަރު ޝަކުވާއެއްގެ ޖަވާބު ލިބިފައިވާ ކަމަށެވެ. އެއީ ގއ. ނިލަންދޫ ފެނަކަ އޮފީހުގައި ފައްޔާޒްގެ ކެމްޕެއިން ބައްދަލްވުމެއް ބޭއްވުމުން ހުށައެޅި ޝަކުވާ އާއި ބ. ފެހެންދޫ މީހަކު އިމްތިޔާޒަށް ތާއީދު ކުރާތީ އޭނާ އަދާކުރަމުން އައި މަގާމުގެ މަސްއޫލިއްޔަތުން އެކަހެރި ކުރުމުން ހުށައެޅި ޝަކުވާ އާއި ގދ. ގައްދޫ ފެނަކަ ބްރާންޗްގެ މެނޭޖަރު އެ ކުންފުނީގެ އެހެން މުވައްޒިފަކަށް ބިރުދެއްކި ކަމަށް ބުނެ ހުށައެޅި ޝަކުވާ އެވެ.

ވަހީދު ވިދާޅުވީ އެ ޝަކުވާތައް ބެލުމަށް ފަހު ވާދަވެރި ކެންޑިޑޭޓްގެ ފަރާތުން މުވައްޒިފުންނަށް ބިރު ދައްކާ ނަހަމަ ނުފޫޒު ފޯރުވާ އަދި ދައުލަތުގެ މުދަލާއި ވަސީލަތް ނަހަމަގޮތުގައި ބޭނުން ކުރާ ކަމަށް އެމްޑީޕީގެ މައްސަލަ ބެލި ކޮމެޓީން ބުނެފައިވާ ކަމަށެވެ. އެކަމާ ގުޅޭގޮތުން ކޮމެޓީން ދިން ޖަވާބުގެ ލިޔުންވެސް ވަހީދު ވަނީ ނޫސްވެރިންނާ ހިއްސާކޮށްފައެވެ.

"މި ކެންޕޭނުން ދެއްކި ހުރިހާ ވާހަކައެއްގެ ހަގީގަތް އެއޮތީ ހުދު ޕާޓީ އިން ހާމަކޮށްފައި. ވާދަވެރި ކެންޕެއިނުން ބިރުވެސް ދައްކާ ނަހަމަ ނުފޫޒުވެސް ފޯރުވާ ދައުލަތުގެ މުދަލާއި ވަސީލަތް ނަހަމަގޮތުގައި ބޭނުންވެސް ކުރާ ކަމަށާ މިކަންކަމުން ދުރުހެލިވުމަށާއި އެކަންކަމުގެ ނޭދެވޭ އަސަރު މުޅި ޕާޓީއަށް ކުރަމުންދާކަން އެމްޑީޕީއިންވެސް އެވަނީ ބުނެފައި،" ވަހީދު ވިދާޅުވިއެވެ.

ވަހީދު މިއަދުވެސް ވިދާޅުވީ މި ޖަވާބުތަކާއެކު ދައުލަތުގެ ކަމާއިބެހޭ މުއައައްސަސާތަކަށް ހުށަހަޅައިގެން ކުރިއަށްދާން ޖެހޭ ކަންކަން ބަލައި އެކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ. ހަމަ އެންމެ މީހަކަށް ބިރުދެއްކިޔަ ނުދޭނެ ކަމަށާ އެމީހެއްގެ ހައްގުގައި ތެދުވާނެ ކަމަށްވެސް ވިދާޅުވިއެވެ.