ހަބަރު

އެއްވެސް ރައްޔިތަކަށް ރައްކާތެރިކަމެއް މިހާރަކު ނެތް: ނާޒިމް

Jan 20, 2015
1

ރާއްޖޭގެ އެއްވެސް ރައްޔިތަކަށް ސަލާމަތާއި ރައްކާތެރިކަމެއް މިހާރު ނެތް ކަމަށް ޑިފެންސް މިނިސްޓަރުކަމުން މިއަދު ވަކި ކުރެއްވި މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

މަގާމުން ވަކި ކުރެއްވުމާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރުގެ ގެއަށް ފުލުހުން ވަނުމަކީ ރައްޔިތުންނަށް ރައްކާތެރިކަން ނެތްކަން އަންގައިދޭ ކަމެއް ކަމަށާއި އަދި އެއީ ކޮންމެ މީހެއްގެ ގެއަށް ވެސް ފުލުހުން ވަދެފާނެ ކަމުގެ ނުރައްކާތެރި ސިގްނަލެއް ކަމަށެވެ. އަދި އެއީ ރައްޔިތުން ވިސްނަންޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

"ރައީސްގެ އެންމެ އަރިހުގައި ހުންނާނީ ޑިފެންސް މިނިސްޓަރު، އެއީ ހުރިހާ ގައުމެއްގައި ވެސް އެކަން ހިނގާނެ ގޮތް، އެ މިނިސްޓަރުގެ ގެއަށް ބޭނުންއިރަކު ވަދެއްޖެ ހާލަތެއްގައި ދިވެހި އެއްވެސް ރައްޔިތެއްގެ ރައްކާތެރިކަމެއް ނޯންނާނެ." މިހާރު ވެސް ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ގައުމެއްގެ ޑިފެންސް މިނިސްޓަރުގެ ގެއަށް ފުލުހުން ވަނުމަކީ އާދައިގެ ކަމެއް ނޫން ކަމަށާއި އެވަރުގެ ކަމެއް ހިނގާއިރު އެ ގައުމެއްގެ ރައީސަށް އެކަން އެނގޭނެ ކަމަށެވެ. ނަމަވެސް އޭނާގެ އެޕާޓްމެންޓް ފާސް ކުރުމުގެ ކުރިން އެފަދަ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި މި ސަރުކާރުގެ އެއްވެސް މަގާމަކަށް އޭނާ ނުދާނެ ކަމަށާއި ހަވާލު ކުރިޔަސް އެ ވަޒީފާއެއް އަދާ ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އޭނާއަކީ ދައުލަތުގެ އިސް މަގާމެއް އަދާކޮށްފައި ހުރި މީހަކަށް ވާތީ މިވަގުތު އިދިކޮޅު ފަރާތްތަކާ ނުގުޅޭނެ ކަމަށާއި ނަމަވެސް އެކަން ފަހުން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން މަސައްކަތް ކުރި މީހަކަށް ވާތީ އަދި ދައުލަތުގެ ވަރަށް ގިނަ ސިއްރުތައް އެނގޭނެ މީހަކަށް ވާތީ ކޮންމެވެސް މުއްދަތެއް ސަރުކާރަށް ދޭންޖެހޭ ކަމަށް އަޅުގަނޑު ދެކެނީ. އެ މުއްދަތަށް ފަހު އަޅުގަނޑު އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރާނަން." ނާޒިމް ވިދާޅުވި އެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވަނީ ނާޒިމް އުޅުއްވާ އެޕާޓްމެންޓް ފާސްކޮށް، އެތަނުން އެއްޗެހިތަކެއް ގެންގޮސްފައިވާތީ އެކަމާ ގުޅިގެން ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ނާޒިމް އެކަމަށް ޖަވާބެއް ނުދެއްވަ އެވެ. އޭނާ ވިދާޅުވީ އެއީ ފުލުހުން ބަލަމުންދާ މައްސަލައަކަށް ވާތީ އެކަމާ މެދު ވާހަކަ ދައްކާނީ އޭނާގެ ވަކީލު ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން އޭނާގެ އާއިލާގެ މެމްބަރުންގެ ބަޔާންތަކާއި އިނގިލީގެ ނިޝާން ފަދަ އެއްޗެހި ފުލުހުންނަށް ދީފައިވާނެ ކަމަށް ވިދާޅުވި އެވެ.

ނާޒިމްގެ ލޯޔަރަކަށް ހަމަޖައްސާފައިވަނީ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރެވެ.

ޑިފެންސް މިނިސްޓަރު ކަމުން ނާޒިމް ވަކި ކުރެއްވުމަށް ފަހު އެ މަގާމަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ރާއްޖެއިން ޕާކިސްތާން ސަރުކާރަށް ކަނޑައަޅާ ސަފީރުގެ މަގާމުގައި ހުންނެވި މޫސާ އަލީ ޖަލީލު ވަނީ އައްޔަން ކުރައްވައިފަ އެވެ.