ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހުރިހާ ދާއިރާއެއްގެ މުސާރަ ބޮޑުކޮށް ތަފާތު ނައްތާލާނެ: ރައީސް

މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމަށް އަދި އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތް ނިމޭއިރު ހުރިހާ ދާއިރާއެއްގެ މުސާރަތަކަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޓީޗަރުންގެ މުސާރަ ބޮޑުކުރުން އިއުލާނު ކުރައްވާ މިއަދު ދެއްވި ވީޑިއޯ މެސެޖެއްގައެވެ.

ރައީސްގެ މެސެޖްގައި ވިދާޅުވީ ޓީޗަރުންގެ މުސާރައަށް ގެނައި ބަދަލަކީ ގައުމު ބިނާކުރުމުގެ ގޮތުން ގެނައި ވަރަށް މުހިންމު ބަދަލެއް ކަމަށާ އަދި މިއީ ގައުމުގެ ތަރައްގީ ގައި ހިއްސާވާ ތަފާތު ދާއިރާތަކުގެ ފަންނުވެރިން ކުރައްވާ މަސައްކަތާ އެކަށޭނަ މިންވަރުގެ އުޖޫރައެއް ހޯދައިދިނުމުގެ ފެށުމެއް ކަމަށެވެ. މި މުހިންމު ފެށުން ތައުލީމީ ދާއިރާއިން ފެށުމަށް ނިންމި ސަބަބަކީވެސް އެއީ ކަމަށް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މިއީ ހެޔޮ ސާއަތެއްގައި ފެށުނު ހެޔޮ މަސައްކަތެއް. ގައުމު ބިނާކުރުމުގައި އަދި ގައުމަށް ބޭނުންވާ އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގައި ތައުލީމީ ދާއިރާއިން ފެށިގެން ސިއްހީ ދާއިރާ އާއި އަދި އެނޫން ދާއިރާތަކުންވެސް ގައުމާއި ރައްޔިތުންގެ ހިދުމަތުގައި ރެޔާއި ދުވާލު އަވަދިނެތި އުޅުއްވާ ހިދުމަތްތެރިން ރާއްޖޭގައި ވަރަށް ގިނަ،" ރައީސް ވިދާޅުވިއެވެ. "މިގޮތުން ސިއްހި ދާއިރާގެ ހިދުމަތްތެރިން އެ ކުރައްވާ ބުރަ މަސައްކަތް އަޅުގަނޑުމެން ހަނދާންނައްތައެއްނުލަން. ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތްތަކުގެ ތެރެއިން ސިއްހީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް މިހާރު އަޅުގަނޑުމެން މި އަންނަނީ ދިރާސާކުރަމުން،"

ރައީސް ވިދާޅުވީ މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމަށް އަދި އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ފަށާފައިވާ މަސައްކަތް ނިމޭއިރު ހުރިހާ ދާއިރާއެއްގެ މުސާރަތަކަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި އިޖުތިމާއީ އަދާލަތު ހިފެހެއްޓުމަށްޓަކައިވެސް ހުރިހާ ދާއިރާއަކަށް މި ބަދަލު ގެނައުމަކީ ސަރުކާރުން ކުރާނެ ކަމެއް ކަމަށެވެ.

މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމަށް އަދި އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ފަށާފައިވާ މަސައްކަތް ނިމޭއިރު ހުރިހާ ދާއިރާއެއްގެ މުސާރަތަކަށްވެސް އިރާދަކުރެއްވިއްޔާ ހެޔޮ ބަދަލުތަކެއް އަންނާނެ. އިޖުތިމާއީ އަދާލަތު ހިފެހެއްޓުމަށްޓަކައިވެސް ހުރިހާ ދާއިރާއަކަށް މި ބަދަލު ގެނައުމަކީ އަޅުގަނޑު ކުރާނެ ކަމެއް.
އިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ

އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ދައުލަތުގެ ޒިންމާތަކާ ހަވާލުވެ ތިބެ ކުރާ މަސައްކަތަށް އެކަށީގެންވާވަރުގެ އާމްދަނީއެއް ހޯދައިދިނުމަކީ ވެރިކަމުގެ މައްޗަށް ލާޒިމުކުރާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި އެންމެ ކުޑަމިނުން ދޭން ޖެހޭނެ އުޖޫރަ ގާނޫނީ ގޮތުން ކަނޑައަޅައި އެކަން ތަންފީޒު ކުރުމާއި ޓީޗަރުންގެ މުސާރައަށް ގެނައި ބަދަލަކީ ސަރުކާރު މުވައްޒަފުންގެ މުސާރަ އިތުރުކޮށްދިނުމަށް ފެށި މަސައްކަތުގެ ވަރަށް މުހިންމު ދެ ބައި ކަމަށް ވިދާޅުވިއެވެ.

ސުލްހަވެރި ހަމަޖެހޭ އަމާން ދިރިއުޅުމަކުން ހޯދޭ އިގްތިސާދީ ފޯރުންތެރިކަމުގެ ލާބަ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލިބިދިނުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި މިފަދަ ބަދަލުތައް ގެނައުމުގެ އެންމެ މުހިންމު ބޭނުމަކީ ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ރައްޔިތުންގެ ފުދުންތެރިކަން އިތުރު ކޮށްދިނުން ކަމަށް ވިދާޅުވިއެވެ.

މިއަދު ގެނައި ބަދަލާއެކު ގިނަ ޓީޗަރުންގެ މުސާރަ 20،000 ވުރެ ބޮޑު ވާނެ އެވެ. އަދި ރޭންކު ކުރެވިފައިވާ ގޮތުން ޕްރިންސިޕަލުންނާއި ޑެޕިއުޓީންނަށް ކުރީގެ މުސާރައަށް ވުރެ އެތައް ގުނައެއް ބޮޑު މުސާރައެއް ލިބޭނެ އެވެ.

އެގޮތުން ރޭންކް އެކެއްގައި ހިމެނޭ ޕްރިންސިޕަލުންނަށް 29،445 ރުފިޔާގެ ލިބޭނެ އެވެ. ކުރީން ލިބެމުން އައީ 16،214 ރުފިޔާ އެވެ. މިއީ 82 ޕަސެންޓްގެ ކުރިއެރުމެވެ.

ރޭންކް ދޭއްގައި ހިމެނޭ ޕްރިންސިޕަލުންނަށް 31،816 ރުފިޔާގެ ލިބޭނެ އެވެ. ކުރީން ލިބެމުން އައީ 20،049 ރުފިޔާ އެވެ. މިއީ 59ޕަސެންޓްގެ ކުރިއެރުމެވެ. އަދި ރޭންކް ތިނެއްގައި ހިމެނޭ ޕްރިންސިޕަލުންނަށް 34،103 ރުފިޔާ ލިބޭނެ އެވެ.

ރޭންކް އެކެއްގައި ހިމެނޭ ޑެޕިއުޓީ ޕްރިންސިޕަލުންނަށް 22،273 ރުފިޔާ ލިބޭއިރު ރޭންކް ދޭއްގައި ހިމެނޭ ޑެޕިއުޓީ ޕްރިންސިޕަލުންނަށް 24،941 ރުފިޔާ ލިބޭނެ އެވެ. އަދި ރޭންކް ތިނެއްގައި ހިމެނޭ ޑެޕިއުޓީ ޕްރިންސިޕަލުންނަށް 27،590 ރުފިޔާ ލިބޭނެ އެވެ. މިއީ 78 ޕަސެންޓާއި 54 ޕަސެންޓާ ދެމެދުގެ ކުރިއެރުމެކެވެ.