ޗައިނާ އިން ރާއްޖެއަށް އެހީވުމުގައި ދުވަހަކު ވެސް އަމިއްލަ މަސްލަހަތު އިސްކޮށްފައި ނުވާނެ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޗައިނާއާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަށް އެ ގައުމުން ރައްދުދީފި އެވެ.
ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާން ލިޖިން ވިދާޅުވީ ޗައިނާ އާއި ރާއްޖޭގެ ގުޅުމުގެ އެންމެ ހާއްސަ ކަމަކީ ދެ ގައުމަކީ ވެސް ހަމަހަމަ ބައެއް ކަމަށް ދެކިގެން އިހްތިރާމާ އެކު ކުރިއަށް ދިއުން ކަމަށެވެ.
ސަފީރު ވިދާޅުވީ ދެ ގައުމުން ވެސް އެއް ގައުމުން އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދެނީ ދެ ގައުމުން ވެސް ކަންބޮޑުވާ ކަންކަމުގައި އިހްލާސްތެރިކަމާ އެކު ކަމަށެވެ. ރާއްޖެއަށް އެހީވުމުގައި އަމިއްލަ މަސްލަހަތު އިސްކޮށްގެން އެއްވެސް އިރަކު މަސައްކަތް ކޮށްފައި ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރާއްޖެ-ޗައިނާ ގުޅުމަކީ އެކުވެރިކަމާއި ދެ ގައުމަށް ވެސް ފައިދާވާ، "ވިން-ވިން" ނަތީޖާއެއް ނެރެވޭނެ ކަމުގެ ފުރިހަމަ މިސާލެއް ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.
ޗައިނާ އިން އެދެނީ އަދި އެހީވަނީ ރާއްޖޭގެ ކުރިއެރުމާއި ތަރައްގީގެ ކަންކަމުުގައި ކަމަށާއި ރާއްޖޭގެ ދާހިލީ ކަންކަމާ ބެހި ނުފޫޒު ނުފޯރުވާނެ ކަމުގެ ޔަގީންކަންވެސް ދީފައިވެ އެވެ.
ޗައިނާ އިން ރައީސް ނަޝީދަށް ރައްދު ދީފައި މިވަނީ ޗައިނާ އިން ރާއްޖޭގެ ތަަރައްގީއަށް ހިންގާފައިވާ މަޝްރޫއުތަކުގެ މަގުސަދަކީ ރާއްޖެ ދަރަނީގެ އަނދަވަޅަކަށް ވައްޓާލުން ކަމަށް އިންޑިއާގައި ބޭއްވި ލެކްޗާއެއްގައި ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
އިންޑިއާގެ ކުރީގެ ފޮރިން ސެކްރެޓަރީ ޝިއަމް ސަރަން ބޭއްވި ލެކްޗާއެއްގައި މިދިޔަ ބުދަ ދުވަހު ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ ދަރަނިވެރިކުރުވުމަށްފަހު ޗައިނާގެ ބޭނުމަކީ ސިޔާސީ އަދި އިގްތިސޯދީ ގޮތުން ރާއްޖޭގެ މައްޗަށް ބާރު ހިންގުން ކަމަށެވެ.
ނަޝީދުގެ ވާހަކަފުޅުގައި ޗައިނާގެ 'ވަން ބެލްޓް، ވަން ރޯޑް' ޕްރޮގްރާމުގައި ރާއްޖެ ބައިވެރިވުމަކީ ގޯހެއް ކަމަށް ވިދާޅުވެފައިވާތީ އެކަމަށް ވެސް ސަފީރު ވަނީ ރައްދު ދެއްވާފަ އެވެ. ސަފީރު ވިދާޅުވީ އެ ޕްރޮގްރާމުގެ ސަބަބުން ގައުމުތަކަށް މިއަދު އެތައް ފައިދާއެއް ލިބެމުންދާ ކަމަށެވެ.
ޗައިނާ އަށް ދައްކަންޖެހޭ ދަރަނި ނުދައްކައިފިނަމަ ރާއްޖޭގެ ބިންތަކެއް ޗައިނާގެ ބާރުގެ ދަށަށް ދާނެ ކަމަށް ނަޝީދު ވިދާޅުވާ ވާހަކަތައް ވެސް ސަފީރު ވަނީ ދޮގުކުރައްވާފަ އެވެ.
ރާއްޖެއާއި ޗައިނާއާ ގުޅޭ މައްސަލަތަކުގައި ރައީސް ނަޝީދަކީ އަބަދުވެސް ޗައިނާއާ ދެކޮޅަށް ވާހަކަދައްކަވަމުން ގެންދަވާ ބޭފުޅެކެވެ.