އަބްދުﷲ ޝާހިދު

ރާއްޖެ އަދިވެސް މިއޮތީ ޗައިނާ ދިން ލުއީގައި: ޝާހިދު

Jul 31, 2021
3

ޗައިނާ އިން ނަގާފައިވާ ލޯންތަކަށް ފައިސާ ދެއްކުމުގައި ރާއްޖެ އަށް ލުއި ދީފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ނަމަވެސް އެއީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އަވަސް އަށް މިދިޔަ ހަފްތާގައި ދިން އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ ކޮވިޑާ ގުޅިގެން ދުނިޔޭގެ އިގްތިސޯދަށް ދިމާވި ބޮޑު ގޮންޖެހުމާ ގުޅިގެން ދުނިޔޭގެ އެންމެ މުއްސަނދި ހަތް ގައުމު ކަމަށްވާ ޖީސެވަންގެ ގައުމުތަކުން އެހެން ގައުމުތަކުގެ ލޯންތަކަށް ލުއި ދޭން ނިންމުމެއް ނިންމި ކަމަށެވެ. އެ ނިންމުމާ އެއްގޮތަށް ޗައިނާ އިން ލޯން ނަގާފައިވާ ގައުމުތަކަށް ޗައިނާ ސަރުކާރުން ލުއި ދިން އިރު ރާއްޖެ އަށް ވެސް ލުއި ދީފައިވާ ކަމަށެވެ.

"ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވް (ޑީއެސްއެސްއައި) އޭގެ ދަށުން ދިވެހިރާއްޖެއިން ނަގާފައި ހުރި ލޯނުތަކަށް ޗައިނާ ސަރުކާރުން ލުއި ދިން. މިހާރު ވެސް ރާއްޖެ މިތިބީ އެ ލުއީގައި،" ޝާހިދު ވިދާޅުވި އެވެ.

އދ. އާންމު މަޖިލީހުގެ އިންތިހާބީ ރައީސް ޝާހިދު ވިދާޅުވީ ޗައިނާގެ ލޯނުތަކަށް ލުއި ދިން ކަމާއި ދީފައިވާ ލުއި ތަކުގެ ތަފްސީލް ހޯދަން ބޭނުންވުމުން ފިނޭންސް މިނިސްޓްރީން އެ މައުލޫމާތު ހޯދޭނެ ކަމަށެވެ. ޗައިނާ ސަރުކާރުން އެންމެ ފުރަތަމަ ލުއި ދިން އިރު ދިވެހި ސަރުކާރުގެ ކުންފުނިތަކަށް ނަގާފައިވާ ލޯނުތަކަށް ލުއި ދީފައި ނެތް ކަން ވެސް ފާހަގަކުރެއްވި އެވެ.

"އެންމެ ފުރަތަމަ ލުއި ދިން އިރު ރާއްޖޭގެ ވަރަށް ގިނަ ބޮރޯއިންގްސް ޗައިނާ އަށް ހަދާފައި ހުރީ ސަރުކާރު ބައިވެރިވާ ކުންފުނިތަކަށް. އެހެންވީމާ އެ ކުންފުނިތަކެއް ނުހިމެނުނު އެންމެ ފުރަތަމަ ގުރޫޕް. އެކަމަކު އޭގެފަހުން ވާހަކަދައްކައިގެން މިހާރު އެވެސް އޭގައި ހިމެނިފައި އޮންނާނީ،" އިތުރު ލުއިތަކެއް ވެސް ޗައިނާ އިން ދީފައިވާ ކަން ފާހަގަކުރައްވަމުން ވިދާޅުވި އެވެ

ޗައިނާއާއި ރާއްޖެއާ ގުޅުވައިގެން ރައީސް ނަޝީދު ދައްކަވާ ވާހަކަތަކުގެ ސަބަބުން ހާރިޖީ ސިޔާސަތު ކުރިއަށް ގެންދިއުމަށް ދަތިވޭތޯ ދެންނެވުމުން ސުވާލުގެ ސާފު ޖަވާބެއް ޝާހިދު ނުދެއްވަ އެވެ. އެކަމަކު ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އެންމެ އިސްވެރިޔަކީ ކޮން ބޭފުޅެއް ކަން ޗައިނާ ސަރުކާރަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.

އަޅުގަނޑުމެންގެ ސިސްޓަމް އޮންނަ ގޮތުން މަޖިލީހާއި ސަރުކާރު މި އޮންނަނީ ވަކިވެފައި. މަޖިލީހަކީ ދައުލަތުގެ މިނިވަން އެއް ބާރު. ސަރުކާރު އެއީ އަނެއް ބާރު. އެހެންވީމާ އެ އޮންނަ މިނިވަން ކަމުގައި މަޖިލީހުގެ ރައީސް އެ ވިދާޅުވާ އެއްޗެއް ވިދާޅުވުން އޮންނާނެ. އެހެންނަނަމަވެސް ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ހާރިޖި ސިޔާސަތު ކަނޑައަޅާ ހާރިޖީ ގުޅުންތައް ގެންގުޅޭނީ ރައީސުލްޖުމްހޫރިއްޔާ. އެހެންވީމާ ޗައިނާ ސަރުކާރަށް ވެސް އެނގޭ ދިވެހިރާއްޖޭގެ ގާނޫނުއަސާސީ. އަދި ރާއްޖޭގައި ހާރިޖީ ސިޔާސަތު ކަނޑައަޅާ އެންމެ އިސް ފަރާތަކީ ރައީސުލްޖުމްހޫރިއޔްާ ކަން، ޝާހިދު ވިދާޅުވި އެވެ.

ދިވެހި ސަރުކާރުން ޗައިނާ އިން ނަގާފައިވާ ލޯންތަކަށް އެ ގައުމު ލުއި ނުދޭ ކަމަށް ދޭތެރެދޭތެރެއިން ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވަ އެވެ. ރައީސް ނަޝީދު އެހެން ވިދާޅުވާ ވާހަކަތައް ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ވެސް ދޮގު ކުރެ އެވެ.

ޗައިނާއަކީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ރާއްޖެއާ އެންމެ ގުޅުން ބޮޑު އެއް ގައުމެވެ. ރާއްޖޭގައި އެންމެ ގިނަ މަޝްރޫއުތައްވެސް ހިންގާފައިވަނީ ޗައިނާގެ އެހީތެރިކަމުގަ އެވެ. ނަމަވެސް މި ސަރުކާރު ވެރިކަމަށް އައި ފަހުން ދެ ގައުމުގެ ގުޅުމަށް ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް ވަނީ އައިސްފަ އެވެ.

ބައެއް ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި ދެ ގައުމުގެ ގުުޅުން އެންމެ ބޮޑަށް ގޯސްވަނީ ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޗައިނާއާ ގުޅޭގޮތުން ދައްކަވާ ވާހަކަތަކުގެ ސަބަބުންނެވެ. އެމަނިކުފާނު ގެންދަވަނީ ތަކުރާރުކޮށް ޗައިނާއާ ގުޅޭގޮތުން ޗައިނާ ސަރުކާރު ހިތްހަމަނުޖެހޭ ފަދަ ވާހަކަތައް ދައްކަވަމުންނެވެ. ނަޝީދުގެ ވާހަކަތަކަކީ މި ސަރުކާރުގެ ވިސްނުން ނޫން ނަމަވެސް އެ ވާހަކަތައް ދޮގުކޮށް ވާހަކަދައްކަން ސަރުކާރުގެ އިސް ބޭފުޅުން ފަސްޖެހެ އެވެ.