ރާއްޖޭގެ 12 ރަށެއް ޗައިނާއެކި ވިޔަފާރި ކުންފުނިތަކަށް ކުރީ ސަރުކާރުން ވިއްކާލާފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް ޗައިނާ ސަފީރު ޖަންގް ލިޖޮންގް ރައްދު ދެއްވައިފި އެވެ.
ރައީސް ނަޝީދަކީ އަބަދުވެސް ޗައިނާއަށް ތަފާތު ތުހުމަތުތައްކޮށް އެ ގައުމާ ދެކޮޅަށް ވާހަކަދައްކަވަމުން ގެންދަވާ ބޭފުޅެކެވެ. އިންޑިއާ ދިފާއުކުރައްވާ އަދި އެ ގައުމުގެ ރުހުން ހޯއްދެވުމަށް މީގެ ކުރިންވެސް ޗައިނާއާ ގުޅޭގޮތުން އެކި ވާހަކަތައް ރައީސް ނަޝީދު ވަނީ ދައްކަވާފައެވެ. އެއިން ކޮންމެ ފަހަރަކުހެން ޗައިނާ ސަފީރު ނިކުންނަވާ ރައީސް ނަޝީދަށް ރައްދު ދެއްވައެވެ. އަދި އެ ވާހަކަތައް ރައީސް ސޯލިހާއި ފޮރިން މިނިސްޓަރު ޝާހިދުގެ ސަމާލު ކަމަށް ގެންނަވައެވެ.
އިންޑިއާގެ ނޫސްވެރިއަކު ދާދިފަހުން ވަނީ އިދިކޮޅުގެ ބައެއް ބޭފުޅުންނާ އިންޓަވިއު ކުރައްވާ މިހާރު ރާއްޖޭގެ ހާލަތު އޮތް ގޮތް ކަމަށް ބުނެ ލިޔުމެއް ލިޔެފައެވެ. އެ ލިޔުމުގައި ޑިމޮކްރަސީގެ ސިފަތައް ރާއްޖެއިން ނެތިގެންދާ ކަމަށް ވަނީ ބުނެފައެވެ. އަދި ތިން ބާރު ވަކިވެފައިވާ ނިޒާމު މި ސަރުކާރާއެކު ގެއްލިގެން ގޮސްފައިވާ ކަމަށް ވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން ނަޝީދު ވަނީ އެ ނޫސްވެރިޔާއަށް ހުޅުވާލެވިފައިވާ ސިޓީއެއް އާންމުކުރައްވާފައެވެ. އެ ސިޓީގައި ރައީސް ނަޝީދު ވަނީ އެ ލިޔުން ލިޔުނު ނޫސްވެރިޔާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި އިންޓަވިއުއަށް މައުލޫމާތު ހޯއްދެވި ކުރީގެ ރައީސް މުހައްމަދު ވަހީދާއި ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫނަށްވެސް ފާޑުވިދާޅުވެފައެވެ.
މީގެ އިތުރުން ރާއްޖޭގެ މިހާރުގެ ހާލަތު ބަޔާންކުރައްވާ ކުރީ ސަރުކާރަށް ފާޑުވިދާޅުވިއެވެ. އަދި ޗައިނާއާ ގުޅޭގޮތުންވެސް ނަޝީދު ވަނީ ވާހަކަދައްކަވާފައެވެ. ވިދާޅުވީ ކުރީ ސަރުކާރުން ޗައިނާގެ ވިޔަފާރި ކުންފުނިތަކަށް ރާއްޖޭގެ އެތައް ރަށެއް ދީފައިވާ ކަމަށެވެ. އެގޮތުން 12 ރަށެއް ޗައިނާގެ ވިޔަފާރި ކުންފުނިތަކަށް ވިއްކާލާފައިވާ ކަމަށް ވިދާޅުވިއެވެ. ރާއްޖެ އޮތީ ޗައިނާއަށް ވަރަށް ބޮޑަށް ދަރާފަ ކަމަށާ އެއީ ކުރީ ސަރުކާރުން އަމަލުކުރި ގޮތުގެ ސަބަބުން ދިމާވި ކަމެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ އެ ވާހަކަތަކަށް ޗައިނާ ސަފީރު މިއަދު ވަނީ ޓްވިޓާގައި ރައްދު ދެއްވާފައެވެ. ވިދާޅުވީ ނަޝީދު ދެއްކެވީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
ޗައިނާ ސަފީރު ވަނީ ރަނގަޅަށް ބެއްލެވުމަށްފަހު ވާހަކަ ދެއްކެވުމަށް ނަޝީދުގެ ކިބައިން އެދިވަޑައިގެންފައެވެ.
އަދި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީގެ ރައީސަށް ކަންކަމުގެ ހަގީގަތް ބައްލަވަލާ ލެއްވުމަށް ވަގުތެއް ނެތުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. އަދި މިވަރުގެ އަދަދެއް އޮޅި ހަގީގަތެއް ނެތް ވާހަކަތަކެއް ނަޝީދު ދައްކަވާފައިވާތީ ހިތާމަ ކުރައްވާ ކަމަށް ސަފީރު ވިދާޅުވިއެވެ.
ސަފީރު ވަނީ ފުލުފުލުގައި ހަތަރު ޓްވީޓް ކުރައްވާފައެވެ. އެ ޓްވީޓްތަކުގައި ރާއްޖެއާއި ޗައިނާގެ ގުޅުމުގެ މައްޗަށް ވާހަކަ ދެއްކެވިއެވެ. އަދި ދެ ގައުމުގެ ގުޅުމުގެ މުހިންމު ކަމާ އެކަމުގެ ސަބަބުން ރާއްޖެއަށް އޮތް ފައިދާގެ ވާހަކަ ވިދާޅުވެ ދެއްވިއެވެ. އަދި އެ ގައުމުން ރާއްޖެއަށް ދީފައިވާ ލުއިތަކާއި އެހީތައް ހަނދާން ކޮށްދެއްވިއެވެ.