ހަބަރު

ކައިރީގައި އުޅުނު އެކުވެރިންގެ މިސްރާބު ބަދަލުވީތީ ހިތާމަކުރަން: އަދީބު

Jan 20, 2015

ކައިރީގައި އުޅުނު އެކުވެރިން، މިސްރާބު ބަދަލު ކުރީތީ ހިތާމަކުރައްވާކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިއަދު މަގާމުން ވަކިކޮށްފައި ވަނިކޮށް، އަދީބު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކީގައި މަސައްކަތް ކުރެއްވި އެކުވެރިން މަސައްކަތް ކުރައްވަމުން ދިޔަ މިސްރާބު ބަދަލު ކުރުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. އަދި އެކަމުގެ ތަދު އަމިއްލަ ފުޅަށް ވެސް މިއަދު އިހުސާސް ކުރެއްވޭ ކަމަށް އަދީބު ވަނީ ވިދާޅުވެފަ އެވެ.

"މިއީ ހިތާމަވެރި އަދި ވޭނީ އިހުސާސެއް ކުރެވޭ ދުވަހެއް،" އަދީބު ޓްވީޓް ކުރައްވާފައިވެ އެވެ.

މިނިސްޓަރުކަމުން ނާޒިމް ވަކި ކުރެއްވުމާ އެކު އޭނާ މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި އޭނާ ވަނީ ވެރިކަމަށް ކުރިމަތިލެއްވުމަށް އަޒުމް ކަނޑައަޅައިގެން ހުންނެވި ކަމަށް އިޝާރާތް ކުރައްވައިފަ އެވެ. ނާޒިމް ވިދާޅުވީ މި ފުރުއްވި މަގާމަށް ވުރެ މަތީ މަގާމަކަށް ވަޑައިގަތުމުުގެ އަޒުމް އެބަ އޮތް ކަމަށެވެ. އަދި ސިޔާސީ ކެރިއާ ދޫކޮށް ނުލައްވާނެ ކަމަށާއި ގިނަ ރައްޔިތުން ބޭނުން ނަމަ ވެރިކަމަށް ކުރިމަތިލެއްވުމަކީ ނުކުރައްވާނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.