އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގެކޮޅު ކުރިމައްޗަށް ޒުވާނުންތަކެއް އެއްވެ އެމަނިކުފާނާ ދެކޮޅަށް އަޑުއުފުލައިފި އެވެ.
މިއެއްވުމުގައި ތިބި ގިނަ މީހުންނަކީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ސިޔާސީ ގޮތުން އެންމެ ބާރުގަދަ ދުވަސްވަރު އެމަނިކުފާނުގެ އަރިސް މީހުންގެ ގޮތުގައި ފެނުނު މީހުންނެވެ.
މޯލްޑިވްސް ޔޫތު ފޯސްގެ ނަމުގައި އެއްވި ގުރޫޕްގައި އިސްކޮށް ހުންނެވީ ސިވިލް ކޯޓުގެ ކުރީގެ އިސް ގާޒީ މުހައްމަދު ހަލީމް (ހަލީމް ބާއީ) އެވެ.
އެއްވި މީހުން ގޮވާލާފައިވަނީ ނަފްރަތު އުފެދޭ ގޮތަށް ކަންކަން ނުކުރުމަށާއި ދޭދޭ ގައުމުތަކާއި ރާއްޖެއާއި ދެމެދު އޮތް ޒަމާންވީ ގުޅުންތަކަށް ބުރޫއަރާ ގޮތަށް އަމަލުނުކުރުމަށެވެ. މީގެ އިތުރުން ރައީސް ޔާމީން އަލުން ޖަލަށްލުމަށް ވެސް ގޮވާލާފައިވެ އެވެ.
ރައީސް ޔާމީންގެ ގެކޮޅު ކުރިމައްޗަށް މަދު އަދަދެއްގެ ޒުވާނުންތަކެއް އެއްވުމާ ގުޅިގެން ރައީސް ޔާމީންގެ ސަޕޯޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އެއްވި ޒުވާނުންނާ ދެކޮޅަށް އަޑުއުފުލާފަ އެވެ. އެ ޒުވާނުންނަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ފޮނުވި ބައެއް ކަމަށްވެސް ރައީސް ޔާމީންގެ ސަޕޯޓަރުން ގޮވާފައިވެ އެވެ.
ރައީސް ޔާމީންގެ ސަޕޯޓަރުންގެ އަދަދު އިތުރުވާން ފެށުމުން އެއްވެ ތިބި ޒުވާނުން މިހާރު ވަނީ އެ ސަރަހައްދުން ދުރަށް ގޮސްފަ އެވެ.
ޒުވާނުންތަކެއް އެއްވުމަށް ނިކުތީ އެމީހުން ލައިގެން ތިބި ހުދު ކުލައިގެ ޓީޝާޓްތަކުގައި އެކި ކަހަލަ ޝުއޫރުތައް ހިމެނޭ މެސެޖުތަކެއް ހިމަނައިގެންނެވެ.