ހަބަރު

އާ ސައިޒެއްގެ ކޮކާކޯލާ ފުޅިއެއް ތައާރަފްކޮށް، ޕްރޮމޯޝަނެއް ފަށައިފި

ކޮކާކޯލާގެ 1.25 ލީޓަރުގެ ފުޅި ރާއްޖެއަށް ތައާރަފުކޮށްފިއެވެ. ކޮކާކޯލާގެ އާ ސައިޒުގެ ފުޅި ތައާރަފްކޮށްދީފައިވަނީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގެވެ.

ސޯލްޓް ކެފޭގައި ބޭއްވި ރަސްމިއްޔާތެއްގައި އާ ސައިޒުގެ ފުޅި ތައާރަފުކުރުމަށްފަހު ވަނީ، ބޮޑު ޕްރޮމޯޝަނެއް ވެސް ފަށާފައެވެ. މިއީ 45 ދުވަހަށް ކުރިއަށްދާ ޕްރޮމޯޝަނެކެެވެ. ޕްރޮމޯޝަން ކުރިއަށްދާ ކޮންމެ ދުވަހަކު ސެމްސަންގް ބްރޭންޑްގެ ފޯނެއް ނަސީބުވެރި ފަރާތަށް ދިނުމަށް ކޮކާކޯލާއިން ވަނީ ނިންމާފައެވެ. ޕްރޮމޯޝަނަށް 45 ފޯނު ހަދިޔާކޮށްފައިވަނީ ރާއްޖެއަށް ސެމްސަންގްގެ ފޯނުތައް އެތެރެކުރާ ހައިކް މޯލްޑިވްސްއިންނެވެ.

ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ކޮކާކޯލާ ފުޅީގެ މަތިގަނޑުގެ ދަށުގައިވާ ކޯޑު، އެސްއެމްއެސްކޮށްގެންނެވެ. ކޯކް ޖެހުމަށްފަހު ސްޕޭސްއެއް ދިނުމަށްފަހު ކޯޑް ޖަހައި 2626 އަށް އެސްއެމްއެސް ކުރުމުން ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ. ކޮންމެ ދުވަހުކުވެސް ނަސީބުވެރިޔަކު ހޮވުމަށް ހަމަޖެހިފައިވާއިރު ނަސީބުވެރިން ހޮވާނީ ޓީވީއެމްއިން ލައިވްކޮށްގެންނެވެ.

ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެބުރުއަރީ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަސީބުވެރި ފަރާތްތަކަށް ލިބޭ ފޯނުތަކުގެ ތެރޭގައި ސެމްސަންގް އެޑްޖް، ސެމްސަންގް އެޑްޖް ޕުލަސް، ސެމްސަންގް ނޯޓް 5، ހިމެނެއެވެ.

ކޮކާކޯލާ ރާއްޖެއަށް ތައާރަފުކުރިތާ 25 އަހަރު މި އަހަރު ފުރިފައިވާއިރު މިކަން ފާހަގަކުރުމަށް ކޮކާކޯލާއިން ގިނަ ޕްރޮމޯޝަންތަކެއް ހިންގާފައިވެއެވެ. އަދި މި އަހަރު ތެރޭގައި ރާއްޖެއަށް ކޮކާކޯލާ ޒީރޯ ވެސް ތައާރަފުކޮށްފައިވާކަން ފާހަގަކޮށްލެެއެވެ.