ފައްޔާޒް އިސްމާއީލް

ފައްޔަގެ ވައުދެއް؛ ފުރަތަމަ ގޮވާލާނީ އިސްލާމީ މަޝްވަރާ މަޖިލީސްގެ އިންތިހާބަށް

އެމްޑީޕީގެ އިސްލާމީ މަޝްވަރާ ގެ މަޖިލީހުގެ އިންތިހާބަށް ގޮވާލެއްވުމަކީ ޗެއާޕާސަންގެ މަގާމަށް ވަޑައިގަތުމަށް ފަހު ކުރައްވާނެ ފުރަތަމަ މަސައްކަތް ކަމަށް އެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް (ފައްޔަ) މިރޭ ވިދާޅުވެއްޖެ އެވެ.

ފައްޔާޒް މިހެން ވިދާޅުވީ ރ. ދުވާފަރުގައި މިރޭ އޮތް ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ފައްޔާޒަށް ބޮޑު ތާއީދެއް އޮތް އެ ރަށުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެމްޑީޕީގައި އިސްލާމީ މަޝްވަރާ ގެ މަޖިލީހެއް އޮތް ނަމަވެސް އެ މަޖިލީހުގެ އިންތިހާބަށް ގޮވާލި އަޑު އިވުނު މެންބަރަކު ޕާޓީގައި ނެތް ކަމަށެވެ.

އެއީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ގައުމީ މަޖިލީހުގެ ވަރަށް ގިނަ މެންބަރުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ކަމަށެވެ. މެއި 14 ގެ އިންތިހާބަށް ފަހު ޗެއާޕާސަން ގެ މަގާމަށް ވަޑައިގެންނެވިއްޖެނަމަ އެންމެ ފުރަތަމަ ކުރައްވާނެ ކަމަކީ އިސްލާމީ މަޝްވަރާ ގެ މަޖިލީހުގެ އިންތިހާބަށް ގޮވާލުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް އެހެން ވިދާޅުވުމުން ދުވާފަރުގެ އެމްޑީޕީގެ މެންބަރުން ވަނީ ހޫނު ތަރުހީބެއް ދީފައެވެ. އަދި ސޯޝަލް މީޑިއާގައިވެސް ވަރަށް ގިނަ މެންބަރުން ދަނީ އެކަމުގެ މުހިންމުކަން ފާހަގަ ކުރަމުންނެވެ.

"މާތްﷲ އިރާދަފުޅު ކުރެއްވިއްޔާ މެއި 14 ގައި އަޅުގަނޑު މި މަގާމަށް [ޗެެއާޕާސަން ކަމަށް] އިންތިހާބުވުމާ އެކީގައި އެންމެ ފުރަތަމަ އަޅުގަނޑު ކުރާނެ ކަމަކީ 'އިސްލާމީ މަޝްވަރާ މަޖިލީސް' ގެ އިންތިހާބަށް ގޮވާލުން. އަޅުގަނޑުމެން ގައުމުގެ ކަންކަން އަޅުގަނޑުމެން ޕާޓީގެ ކަންކަން ގެންދެވޭނީ އިސްލާމީ، އިސްލާމް ދީނުގެ ރިވެތި އުސޫލުގެ މަތީން،" ފައްޔާޒް ވިދާޅުވިއެވެ.

މާތްﷲ އިރާދަފުޅު ކުރެއްވިއްޔާ މެއި 14 ގައި އަޅުގަނޑު މި މަގާމަށް [ޗެެއާޕާސަން ކަމަށް] އިންތިހާބުވުމާ އެކީގައި އެންމެ ފުރަތަމަ އަޅުގަނޑު ކުރާނެ ކަމަކީ 'އިސްލާމީ މަޝްވަރާ މަޖިލީސް' ގެ އިންތިހާބަށް ގޮވާލުން. އަޅުގަނޑުމެން ގައުމުގެ ކަންކަން އަޅުގަނޑުމެން ޕާޓީގެ ކަންކަން ގެންދެވޭނީ އިސްލާމީ، އިސްލާމް ދީނުގެ ރިވެތި އުސޫލުގެ މަތީން
ފައްޔާޒް އިސްމާއީލް | އިކޮނޮމިކް މިނިސްޓަރު

ފައްޔާޒް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެމްޑީޕީއަށް އަމާޒުކޮށް "ލާދީނީ" ޓެގް ބޭނުން ކުރަމުންދާ ދިއުން ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި އެއީ ކުރެވޭ ކުށްހީއެއްކަން އެ މީހުންނަށް އަންގައިދޭން ޖެހޭ ކަމަށެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގެ މައިގަނޑު އަސާސަކީ އިސްލާމް ދީނުގެ އުސޫލުތައް ކަމަށާ ރާއްޖެވެސް އަދި އެމްޑީޕީވެސް ހިންގަން ޖެހޭނީ ދީނުގެ ރިވެތި އުސޫލުތަކުގެ މަތީން ކަމަށް ވިދާޅުވިއެވެ. އަދި އެމްޑީޕީގެ އަސާސީ ގަވާއިދުގައި ހުރި އެފަދަ ކަންކަން ފުރިހަމަ އަށް ތަންފީޒުވާ މަންޒަރު ފެންނަން ޖެހޭ ކަމަށް ވިދާޅުވިއެެވެ.

"އަޅުގަނޑުމެން އެބަ ޖެހޭ އަޅުގަނޑުމެންނާ ދިމާއަށް އިދިކޮޅު ފަރާތްތަކުން އެ ދިއްކުރާ އިނގިލި އެއީ ގޯހެއްކަން ދައްކަދޭން. އެކަންކަން ކުރެވޭނީ އަޅުގަނޑުމެންގެ އަސާސީ ގަވާއިދުގައި އެހެރަ ކަންކަން، ހާއްސަކޮށް ދީނާ ގުޅޭ ކަންކަން ރައްޔިތުންނަށް ދެއްކިގެން، ފެނިގެން،" ފައްޔާޒް ވިދާޅުވިއެވެ.

އެމްޑީޕީގެ އިސްލާމީ މަޝްވަރާ ގެ މަޖިލީހުގެ އިންތިހާބު ނުބޭއްވުމާއި އެ މަޖިލީހުގެ ހަރަކާތްތައް ހުއްޓިފައި އޮތްއޮތުން މި ފަހުން ސަމާލު ކަމަށް ގެނައީ ތިނަދޫ މެންބަރު އަބްދުﷲ ސަނީފް އެވެ. މަޖިލީހުގެ ޖަލްސާއެއްގައި އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލްވުމުގައިވެސް ސަނީފް ވަނީ އެކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޗެއާޕާސަން އިންތިހާބުގައި ސަނީފްގެ ތާއީދު އޮތީ ފައްޔާޒަށެވެ.