ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން ޓްވިޓާއަށް؛ "ދިވެއްސަކަށް ވީތީ ފަހުރުވެރިވަން"

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޓްވިޓާ ބޭނުން ކުރައްވަން ފައްޓަވައިފި އެވެ.

ރައީސް ޔާމީން މިރޭ 7:17 ގައި އެމަނިކުފާނުގެ ޓްވިޓާ އެކައުންޓުން ވަނީ ފުރަތަަމަ ޓްވީޓް ކުރައްވާފައެވެ. އެ ޓްވީޓްގައި ލިޔުއްވާފައިވަނީ بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ އެވެ.

އޭގެ ފަހުން ގައުމީ ދިދަ އާއެކު ދިވެއްސަކަށް ވެވަޑައިގެންނެވީތީ ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ ޓްވީޓެއް ކުރެއްވިއެވެ.

މިއީ ރައީސް ޔާމީން އަމިއްލަފުޅު ޓްވިޓާ އެކައުންޓެއް ބޭނުން ކުރައްވަން ފެއްޓެވި ފުރަތަމަ ފަހަރެވެ. ރައީސް ޔާމީން ޓްވިޓާ ބޭނުން ކުރަން ފެއްޓެވިކަން ޕީޕީއެމުން ވެސް ވަނީ ޔަގީން ކޮށްދީފައެވެ.

ރައީސް ޔާމީންގެ އެކައުންޓުން މިވަގުތު ފޮލޯ ކުރަމުން ދަނީ ޕީޕީއެމްގެ އޮފިޝަލް އެކައުންޓް އެކަންޏެވެ.

ރައީސް ޔާމީން ޓްވިޓާ ބޭނުން ކުރަން ފަށާފައި މިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާއްލަން ގޮވާލާ އެމަނިކުފާނު އިސްވެ ފައްޓަވާ ބޮޑުކޮށް ފުޅާކުރައްވާފައިވާ އިންޑިއާ އައުޓް ކެމްޕެއިން އިތުރަށް ވަރުގަދަ ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެއީ ގައުމީ ސަލާމަތަށް ނުރައްކާ ހަރަކާތެއް ކަމަށް ކަނޑައަޅާ ރައީސް ސޯލިހް ވަނީ ގަރާރެއް ނެރުއްވާފައެވެ.