ސަބްމެރީނަށް ހަމަލާދޭން އެމެރިކާގައި އުފައްދާ ޒަމާނީ ހެލިކޮޕްޓަރުތައް ނުގަންނަ ގޮތަށް ނިންމާފައިވާ ކަމަށް ޓައިވާނުން ބުނެފި އެވެ. ސަބަބެއް ކަމަށް ބުނީ ހިފަހައްޓާލެވޭ ވަރަށް ވުރެ ހެލިކޮޕްޓަރުތަކުގެ އަގު ބޮޑީ ކަމަށެވެ.
އެމެރިކާގެ ލޮކްހީޑް މާޓިން ގުރޫޕުން އުފައްދާ ސަބްމެރީންއަށް ހަމަލާދޭ މަރުކާގެ ޒަމާނީ 12 ހެލިކޮޕްޓަރު ގަންނާނެ ކަމަށް ޓައިވާނުން ކުރިން އޮތީ ބުނެފަ އެވެ. މި ހެލިކޮޕްޓަރުތައް ނުގަންނަން ނިންމީ އަގުބޮޑުކަމުން ކަމަށް ބުނި ނަަމަވެސް އަސްލު ސަބަބަކީ އެއީ ނޫން ކަމަށް ޚަބަރުތައް ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެންމެ ޒަމާނީ ހެލިކޮޕްޓަރުތައް ޓައިވާނަށް ވިއްކުމަކީ އެމެރިކާއަށް ވެސް ފަސޭހަ ކަމެއް ނޫނެވެ.
އެމެރިކާއިން ބުނި ކަމަށް ޚަބަރުތައް ބުނަނީ ޓައިވާނުން ހޯދަން އުޅޭ މަރުކާގެ އަސްކަރީ ހެލިކޮޕްޓަރު ތަކަކީ އެގައުމަށް ބޭނުން ޖެހޭނެ އެއްޗެއް ނޫން ކަމަށެވެ.
ޓައިވާންގެ ގާނޫންހަދާ މަޖިލީޙުގައި ދިފާއީ ވަޒީރު ކުރެން ހެލިކޮޕްޓަރުތައް ނުގަންނަން ނިންމި ސަބަބާ ބެހޭ ގޮތުން ސުވާލުކުރުމުން ވިދާޅުވީ "އަތްފޯރާ ވަރަށް ވުރެ އަގުބޮޑީ" ކަމަށެވެ.
ވަޒީރު ވިދާޅުވީ އެ ޚިޔާލު ދޫކޮށްލައި އެ ބަޖެޓުން އެއަށް ވުރެ ލުއި އާލާތްތައް ހޯދަން ނިންމަވާފައިވާ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ވިސްނުމުގައި މިހާރު އޮތީ ހޮވިޒާ އާއި ސްޓިންގާ ޑިފެންސް ސިސްޓަމް ގަތުން ކަމަށެވެ.
ޗައިނާއިން ބާރުގެ ބޭނުންކޮށްގެން ޓައިވާނަށް އަރައިގެންފާނެ ކަމަށް ބަލައި ޓައިވާނުން ގެންދަނީ އަސްކަރިއްޔާ ޒަމާނީ ކުރަމުން ނެވެ. އެހެން ނަމަވެސް، ޗައިނާ ގަބޫލުކުރާ ގޮތުގައި ޓައިވާނަކީ އެގައުމުގެ ބައެކެވެ.
ޗައިނާ ބުނާ ގޮތުން ޓައިވާންގައި ވަކި ދައުލަތެއްގެ ސިފަޖެހިގެން ނުވާނެ އެވެ. ޓައިވާންގައި ވަކި ސަރުކާރަކުން ހިންގާ ވެރިކަމެއް އޮތުމަކީ މައްސަލައެއް ނޫން ނަމަވެސް ޓައިވާން އޮންނަން ޖެހޭނީ ޗައިނާގެ މައިސަރުކާރުގެ ދަށުގައި ކަމަށް ޗައިނާ ބުނެ އެވެ.
އެމެރިކާ އާއި ގުޅިގެން އަސްކަރިއްޔާ ފުޅާކުރަން ޓައިވާން ކުރާ މަސައްކަތްތަކަށް ޗައިނާ ވަރަށް ބޮޑަށް ދެކޮޅުހަދަ އެވެ.