ހަބަރު

ކުޑަކުދިންނަށް ހާއްސަ އިންޓަވިއު ރޫމެއް ފުލުހުން ގާއިމުކޮށްފި

Jan 20, 2015

މޯލްޑިވްސް ޕޮލިސް ސާވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގައި ޗައިލްޑް ފްރެންޑްލީ އިންޓަވިއު ރޫމެއް ހުޅުވައިފި އެވެ.

މިއަދު ހެނދުނު ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އިންޓަވިއު ރޫމް ހުޅުއްވައި ދެއްވީ ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އެލައިސް އެކުންގާ އާއި ޔުނިސެފްގެ ޕްރޮގްރާމް ސްޕެޝަލިސްޓް މުހައްއްމަދު ނައީމެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވީ ތަހުގީގު ކުރުމުގެ ދާއިރާގައި އެންމެ އުނދަގޫ ކަމަކީ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ތަހުގީގު ކުރުން ކަމަށެވެ. އަދި މިއަދު ހުޅުވި އިންޓަވިއު ރޫމުގެ ސަބަބުން، ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ތަހުގީގު ކުރުމުގައި ވަރަށް ބޮޑު ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.

މިއަދު ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގައި ހުޅުވި މި އިންޓަވިއު ރޫމަކީ ކުޑަކުދިންނާ ގުޅޭ މައްސަލަތައް ތަހުގީގު ކުރުމުގައި އާއި އެކުދިންނާ އިންޓަވިއު ކުރުމަށް ކުޑަކުދިންނަށް ޚާއްސަކޮށްގެން ހުޅުވި މިފަދަ ފުރަތަމަ އިންޓަވިއު ރޫމެވެ.