މެއި ހައެއްގެ ޓެރަރިސްޓް ހަމަލާއަށް އެއް އަހަރުވީއިރު ލިބުނު ހަގީގީ ހިތްހަމަޖެހުމެއް ނެތް ކަމަށާ ރަައީސް މުހައްމަދު ނަޝީދަށް އޮތް ނުރައްކާ ފިލާދިޔަކަމުގެ ޔަގީންކަމެއް ނެތް ކަަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.
އިންތި މިހެން ވިދާޅުވީ މަޖީދީމަގުގައި ބޮމެއް ގޮއްވާލާ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއަށް އަހަރު ފުރުމާއި ގުޅިގެން މިއަދު ނެރުއްވި ބަޔާނެއްގައެވެ. ޓެރަރިސްޓް ހަމަލާގެ ޝިކާރައަކަށްވެ ރަައީސް ނަޝީދުގެ ހަށިކޮޅަށް ފުން އަދި އެހާމެ ގިނަ ޒަހަމުތައް ލިބިވަޑައިގަތެވެ. ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ގިނަ ފަރުވާތަކެއް ކުރައްވަން ޖެހިވަޑައިގަތެވެ.
އިމްތިޔާޒްގެ ބަޔާނުގައި ވިދާޅުވީ މެއި ހައެއްގެ ޓެރަރިސްޓް ހަމަލާއަށް އެއް އަހަރުވީއިރު ލިބުނު ހަގީގީ ހިތްހަމަޖެހުމެއް ނެތް ކަމަށެވެ. އަދި އީސް މުހައްމަދު ނަޝީދަށް އޮތް ނުރައްކާ ފިލާދިޔަކަމުގެ ޔަގީން ކަމެއްވެސް ނެތް ކަމަށެވެ.
"މައްސަލައިިގެ ވަށައިގެންވާ ކަންކަން ތަހުގީގުކޮށް ހޯދިފައެއް ނުވެއެވެ. އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާ ކުުރުވުމަށް ގޮވާލާ ގޮވުމާއި އެކަމަށް ދެމުންދާ ހިތްވަރު އެ އޮތް ގޮތަށް އެބަ އޮތެވެ. ހަމަލާގެ ޝިކާރައަކަށްވެވަޑައިގެންފައި ވަކިކޮށް އިތުރަށް އެމަނިކުފާނު ކުށްވެރިޔާއަށް ހެދުމުގެ މަސައްކަތް ރޭވިގެން ކުރަމުން ގެންދެއެވެ. ކަމުގެ ބިރުވެރިކަމާއި ސީރިއަސްކަން ކަނޑުވާލައި، ހަނދާނުން ދޫކޮށްލުމަށް ކުރާ ކަންކަންވެސް އެބަ ހިނގައެވެ. މިކަންކަމަކީ އަޅުގަނޑު އިންތިހާއަށް ކަންބޮޑުވާ ކަންކަމެވެ،" އިމްތިޔާޒްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މީގެ އެއް އަހަރު ކުރިން ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އިންސާފު ގާއިމުކުރުމުގެ މަސައްކަތުގައި ސާބިތުކަމާއެކު ދެމި ހުންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ ވިދާޅުވެފައެވެ.
މިއަދު ހެނދުނު ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަކީ ދިވެހި ފަސްގަނޑުގައި ދެވުނު އެންމެ ނުރައްކާތެރި އެއް ޓެރަރިސްޓް ހަމަލާ ކަަމަށެވެ. އަދި އެ ހަމަލާއިން އަމާންކަން އޮތް ދިވެހި ފަސްގަނޑަށް ކުއްލި ސިހުން ލިބިގެން ކަމަށެވެ.
ޓެރަރިސްޓް ހަމަލާއިން ރައީސް ނަޝީދުގެ ފުރާނަފުޅު ސަލާމަތްވެވަޑައިގަތް ކަމަށް މާތްﷲއަށް ޝުކުރުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ޓެރަރިސްޓުން އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި ސާބިތުވެ ދެމި ހުންނަވާނެ ކަމަށެވެ.
ނަޝީދަށް މީގެ އެއް އަހަރު ކުރިން ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އިންސާފު ގާއިމުކުރެވިފައި ނެތް ކަމަށާއި ހަމަލާ ހިންގުމަށް ފައިސާ ހަރަދުކުރި ފަރާތްތައް ހޯދުމަށްޓަކައި ވަރުގަދަ ތަހުގީގެއް އަދިވެސް ހިންގުމަށް އެދޭ ކަމަށް ރައީސް ނަޝީދުގެ އާއިލާ އިން ވަނީ ބުނެފައެވެ.