ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އަމާޒުކޮށް ދިން ހަމަލާއަކީ ސަރުކާރުން ރާވައިގެން ކުރި ކަމެއް ކަމަށް އަދި ބުނާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު އިމްތިޔާޒު ފަހުމީގެ ކެންޕެއިން ޓީމަށް ފާޑުވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިމްތިޔާޒު ފަހުމީގެ ކެމްޕެއިން ޓީމުން ގެންދަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅޭގޮތުން ތަފާތު ވާހަކަތައް ދައްކަމުންނެވެ. އެ ހަމަލާގެ ފުނަށް ވާސިލުވާން ސަރުކާރުން މަސައްކަތް ނުކުރާ ކަމަށްވެސް ކެމްޕެއިންގައި އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުން ތުހުމަތު ކުރައްވައެވެ.
އަދި އެ ހަމަލާގެ ފަހުން ސަރުކާރުގެ ފަރާތުން މާބޮޑު ސީރިއަސް ކަމެއް ނުފެންނަ ކަމަށް އިމްތިޔާޒުވެސް ވިދާޅުވިއެވެ. އަދި ނަޝީދަށް ހަމަލާ ދިނުމުން އެމްޑީޕީގެ ބައެއް މަޖިލީސް މެންބަރުން އެކަން ޖޯކަކަށް ހައްދަވައިގެން ހީސަމާސާ ކޮށް ހެއްދެވި ކަމަށް އިމްތިޔާޒުގެ ކެމްޕެއިން ތަރުޖަމާންވެސް ވަނީ ވިދާޅުވެފައެވެ.
ވަހީދު ވިދާޅުވީ ނަޝީދަށް ހަމަލާދިން ރޭ މަޖިލީހުގައި އޮތް ކުއްލި ޖަލްސާއަށް ވަޑައިގެންނެވިއިރު އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ މެންބަރުންގެ ކިބައިންވެސް ފެނުނީ ހިތާމަ އާއި މާޔޫސްކަން ކަމަށެވެ. އަދި ހުރިހާ މެންބަރުންވެސް އެ ވަގުތު ދައްކަވަމުން ގެންދެވީ ނަޝީދުގެ ފުރާނަފުޅު ސަލާމަތް ނުވެދާނެތީ އެކަމުގެ ކަންބޮޑުވުމުގެ ވާހަކަ ކަމަށެވެ.
ވަހީދު ވިދާޅުވީ އެ ނޫން މަންޒަރެއް މަޖިލީހުގެ ކާކޮޓަރި ތެެރެއިން ފެނިވަޑައިގަތް ކަމަށެވެ. އެއީ ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ބައެއް މެންބަރުން ޖޯކަކަށް ހައްދަވާ ހީސަމާސާ ކުރެއްވުމެވެ. އެކަމަށް ކެތްނުކުރެވިގެން އެ ކޮޓަރިން ނިކުންނެވި ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމްޑީޕީ އެއްބައިކުރަން ކަމަށް ވިދާޅުވެ މިއަދު ނިކުމެ ތިބީ އެ މެންބަރުން ކަމަށެވެ.
"މަޖިލީސްގެ ކާކޮޓަރި ތެރޭގައި ހީސަމާސަ ކުރާވަރުން ކެތްނުވެގެން އަޅުގަނޑު ނިކުތިން އެ ތަނުން. އެ ހީސަމާސާ ކުރި މީހުން މިއަދު މި ޕާޓީ އެއްބައިކުރާށޭ ކިޔައިގެން އެ ދައްކާ ވާހަކަތަކުގައި ތިޔަ ބޭފުޅުން ޖެހިވަޑައިނުގަންނަވާތި،" ވަހީދު ވިދާޅުވިއެވެ.
އެފަދަ ވާހަކަތަކަށް އިޝާރާތް ކުރައްވާ މޫސާ މަނިކު ވިދާޅުވީ މިދާވަރުން ދާނަމަ އިންތިގެ ކެމްޕެއިން ޓީމުން ދެން ބުނާނީ ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވީވެސް ސީދާ ސަރުކާރުން ރާވައިގެން ކަމަށެވެ. އަަދި މިހާރުވެސް ފާޑަކަށް އެ އަޑު އެބަހުރި ކަމަށް ވިދާޅުވިއެވެ.
މޫސަ މަނިކު ވިދާޅުވި ގޮތުގައި އިންތިގެ ކެމްޕެއިނަކީ ރައީސް ނަޝީދު އަޑީގައި ހުންނަވައިގެން ހިންގަވާ ކެމްޕެއިނެކެވެ.
ރައީސް ސޯލިހާ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި މޫސާ މަނިކު ހުންނެވި ނަމަވެސް އޭނާއަކީ މިދިޔަ އިންތިހާބުގައި ރައީސް ޔާމީނަށް ދެވަނަ ދައުރެއް ހޯއްދަވައިދެއްވުމަށް ވަރަށް ބޮޑަށް ކެމްޕެއިން ކުރެއްވި ބޭފުޅެކެވެ. އެމްޑީޕީ އާއި ރައީސް ނަޝީދު އަދި ރައީސް ސޯލިހާ އޭރުގެ އިދިކޮޅަށް މޫސަ ވަނީ ވަރަށް ބޮޑަށް އޭރު ފާޑުވިދާޅުވެފައެވެ. މޫސަ ވަނީ މި ފަހަރުގެ އިންތިހާބުގައި އޭނާ ތާއީދު ކުރައްވަނީ ފައްޔާޒަށް ކަމަށް ވިދާޅުވެފައެވެ. އެމްޑީޕީން ވަކިވެ ޕީޕީއެމްއާ ގުޅިވަޑައިގެންނެވި މޫސަ މިހާރު ހުންނެވީ ކޮން ޕާޓީއެއްގައި ކަމެއް ސާފެއް ނޫނެވެ.