އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވެފައިވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވާ ފައްޔާޒުގެ ފުރަތަމަ ފެނިލުން ރައީސް ނަޝީދާއެކު ކުރިއަށް ގެންދެވުމުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މިބައްދަލުވުން ކުރިއަށް ދިޔައީ މިއަދު މެންދުރު އެމްޑީޕީގެ މައި އޮފީހުގަ އެވެ. މިއީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބަށްފަހު ރައީސް ނަޝީދު، މިނިސްޓަރު ފައްޔާޒުއާ ބައްދަލުކުރެއްވެވި ފުރަތަމަ ފަހަރެވެ.
މިބައްދަލުވުމުގައި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަދި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ ފައްޔާޒުގެ ޗެއާޕާސަންގެ ދައުރުގައި ޕާޓީ ހިންގުމުގައި އަމަލުކުރައްވާނެ އަދި އިސްކަންދެއްވާނެ ކަންކަމާ ގުޅޭގޮތުން ކަމަށް އެނގިފައިވެ އެވެ.
މިބައްދަލުވުމަށްފަހު ފައްޔާޒަށް މަރުހަބާ ދެންނެވުމުގެ ގޮތުންނާއި މިއަދަކީ ފައްޔާޒުގެ އުފަން ދުވަހަށް ވާތީ އެމްޑީޕީގެ އިދާރީ މުވައްޒަފުން ވަނީ ކޭކެއް ވެސް ފަޅާފަ އެވެ.
އުފަންދުވަހުގެ ކޭކު ފަޅުއްވަނިކޮށް ނަންގަވާފައިވާ ފޮޓޯއަކާއެކު މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދު ވިދާޅުވީ "ހަ ކުޅި ކުރިއަށް ކުޅުއްވުމަކީ" އެއީ ކަމަށެވެ. އަދި އޭނާއަށް ހީފުޅުވެފައި އޮތީ މިނިސްޓަރު ފައްޔާޒު ފުރަތަމަވެސް ރަސްމީ ހައިސިއްޔަތުން އެމްޑީޕީގެ މެންބަރުންނަށް ފެނިވަޑައިގަންނަވާނީ ރައީސް ސޯލިހާއެކު ކަމަށެވެ. ރައީސް ސޯލިހަކީ އެމްޑީޕީގެ އިސް ލީޑަރެވެ.
"ދިވެހީން ކިޔާ އުޅޭނެ ދެރަ ސޮޑާ ދެރަ ވާނެއޭ ލަންޑަނުން ގެނަޔަސް،" މޫސަގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
މި ސަރުކާރުގެ މިނިސްޓަރުންގެ ތެރެއިން ނަޝީދުގެ އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވާ ބޭފުޅަކީ ފައްޔާޒެވެ. ފައްޔާޒަށް ވަރަށް ގިނަ ތުހުމަތުތައް ކުރައްވާފައިވެސް ވެއެވެ. އަދި އޭނާ މަގާމުން ދުރުކުރުމަށް އެކި ގޮތްގޮތުން ނަޝީދު އިސްވެ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިން ތެރޭގައިވެސް ފައްޔާޒަށް ނުސީދާކޮށް ފާޑުވިދާޅުވިއެވެ. ރައީސް ނަޝީދުގެ މުޅި އާއިލާ އެކުގައި އޮތީ ފައްޔާޒާ ވާދަވެރި ކެންޑިޑޭޓް އިމްތިޔާޒު ފަހްމީއާއެކު ގައެވެ. އިންތި ހޮއްވެވުމަށް އެ ބޭފުޅުން ވަރަށް ގިނަ މަަސައްކަތް ކުރެއްވެވިއެވެ.
ޗެއާޕާސަންގެ މަގާމަށް ފައްޔާޒު ވަޑައިގެންނެވީ ވޯޓްލީ މީހުންގެ 58 ޕަސެންޓް ވޯޓް ހޯއްދަވައިގެންނެވެ.