އެމެރިކާ

ވައިޓް ހައުސްގެ ތަރުޖަމާން ޖެން ސާކީ އިސްތިއުފާ ދެއްވަނީ

އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ތަރުޖަމާން ޖެން ސާކީ އަންނަ ހަފުތާގައި، މެއި 13 ގައި އިސްތިއުފާ ދެއްވާނެ ކަމަށް ވައިޓް ހައުސްއިން އިއުލާން ކޮށްފި އެވެ. ވައިޓް ހައުސްގެ ތަރުޖަމާންގެ މަގާމު ދެން އަދާކުރައްވާނީ ކަރީން ޖޯން-ޕިއާ އެވެ.

ކަރީން ޖޯން-ޕިއާ މިހާރު މަސައްކަތް ކުރައްވަނީ ޖެން ސާކީގެ އެހިތެރިއެއްގެ ގޮތުގަ އެވެ. ޖޯ ބައިޑަންގެ އަމުރުފުޅަށް ވައިޓް ހައުސްގެ ތަރުޖަމާންގެ މަގާމަށް ކަރީން ޕްރޮމޯޓް ކުރެއްވުމުން އޭނާގެ ނަން ތާރީޚްގައި ލިޔެވިގެން ދާނީ އެމެރިކާގެ ކަޅު ނަސްލުން އެމަގާމަށް އައްޔަން ކުރެވުނު ފުރަތަމަ އަންހެނާގެ ގޮތުގަ އެވެ.

ޖެން ސާކީ ވައިޓް ހައުސް ދޫކުރައްވައި ވަޑައިގަންނަވާ ވަކި ސަބަބެއް ހާމައެއް ނުކުރައްވަ އެވެ. އެހެން ނަމަވެސް، ދެ ދަރިންނަށް ވަގުތު ބޭނުންވާ ކަމަށް ވިދާޅުވެ ހުރިހާ ކަމަކަށް ވުރެ އާއިލާ މުހިންމު ކަމަށް ރައްޓެހިން ގާތު ވަނީ ވިދާޅުވެފަ އެވެ.

ޖެން ސާކީ ވައިޓް ހައުސް ދޫކުރައްވާ ވާހަކައަކީ މިވަގުތަށް އާ ވާހަކައެއް ނޫނެވެ. ޖޯ ބައިޑަން އާއި ފަސްޓް ލޭޑީ އަދި ވައިޓް ހައުސްގެ ތަރުޖަމާންކަން ދޫކޮށްލައްވާނެކަން އޭނާ ވަނީ މީގެ ކުރިން ރަސްމީ ފަރާތްތަކަށް އަންގަވާފަ އެވެ.

ޖޯ ބައިޑަން، ޖެން ސާކީއަށް ތައުރީފް ކުރައްވައި ވިދާޅުވީ ޖެން ސާކީ އަކީ ވައިޓް ހައުސްގައި ގޮގެއް ހިފެހެއްޓެވި ކަނބަލެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވައިޓް ހައުސްގައި ދަމަހައްޓާނީ ޖެން ސާކީގެ ގަވާއިދުތައް ކަމަށެވެ.

ޖެން ސާކީ ވައިޓް ހައުސްގެ ތަރުޖަމާންކަން އަދާކުރައްވާ ގޮތާ މެދު ހިތްހަމަޖެހޭ ކަމަށް ބައިޑަންގެ ސަޕޯޓަރުން ވެސް ބުނެ އެވެ. އާންމު ހާލަތްތަކުގައި ވައިޓް ހައުސްގެ ތަރުޖަމާންގެ މަގާމަކީ އުނދަގޫ އަދި ރުޅިގަދަ މީހަކަށް އަދާކުރެވޭ ވަޒީފާއެއް ނޫނެވެ.

އެހެން ނަމަވެސް، ޖެން ސާކީ އަމަލުކުރެއްވި އުސޫލުތަކުގެ ސަބަބުން ބޯހަރު ރިޕޯޓަރުން ވެސް އޭނާއަށް ގުޑާ ކަމަށް ފޮކްސް ނިއުސްއިން ވެސް ވަނީ ބުނެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޖެން ސާކީ ދެން ގުޅިގަޑައިގަންނަވަނީ އެމެރިކާގެ ކޭބަލް ޗެނަލް ނިއުސް ނެޓްވޯކް، "އެމްއެސްއެންބީސީ"އާ އެވެ. އަދާކުރައްވާނީ މަސްރަހު ކުރިއަށް ލަފާކުރައްވާ ތަޖުރިބާކާރެއްގެ ވަޒީފާ އެވެ. މިއީ ދުވަހުން ދުވަހަށް ވާޖިބުތަކެއް އޮންނަ މަގާމެއް ނޫނެވެ.